ލީބިޔާ ހަނގުރާމާގައި ބޭރުގެ ފަރާތްތަކުން ބައިވެރިވެގެން ނުވާނެ: ސަލާމީ

އދއިން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ގައްސާން ސަލާމީ/ފޮޓޯ: އޭއެފްޕީ

ލީބިޔާގައި ކުރަމުންދާ ދާހިލީ ހަނގުރާމައިގެ ތެރެއަށް ބޭރުގެ ފަރާތްތަކުން ވަދެ، ނުފޫޒު ފޯރުވުމުންދާ ދިއުން ހުއްޓާލުމަށް، އދއިން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ގައްސާން ސަލާމީ ގޮވާލައްވައިފިއެވެ.

ޖަރުމަނުވިލާތުގެ ބާލިންގައި ކުރިއަށްދިޔަ ލީބިޔާގެ ސުލްހައިގެ މަޝްވަރާތަކުގެ ކުރިން ވާހަކަދައްކަވަމުން ސަލާމީ ވިދާޅުވީ ބޭރުގެ ފަރާތްތަކާ އެމީހުންގެ ޕްރޮކްސީ ޖަމާއަތްތަކުން ލީބިޔާގެ ދާހިލީ ހަނގުރާމައިގެ ތެރެއަށް ވަނުމުގެ ސަބަބުން ނިމުމެއް ނެތް ހަމަނުޖެހުންތަކެއް ލީބިޔާގައި ފެށިފައިވާކަމަށެވެ.

ކަންމިހެން އޮތް ނަމަވެސް، ސުލްހައިގެ މަޝްވަރާތަކުން އެދެވޭ ނަތީޖާއެއް ނެރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށްވެސް އދގެ މަންދޫބު ވަނީ ވިދާޅުވެފައެވެ.

ލީބިޔާގެ ވެރިކަމަށް ވަކާލާތު ކުރަމުންދާ އަސްކަރީ ޖެނެރަލް ޚަލީފާ ހަފުތާރާ، އދއިން ބަލައިގެންފައިވާ ލީބިޔާގެ ރަސްމީ ސަރުކާރާ ދެމެދު ހަމަނުޖެހުންތައް ހިންގާތާ މިހާރު 9 މަސްދުވަސް ވަނީ ފާއިތުވެފައެވެ. ޖެނެރަލް ހަފްތާރާ ލީބިއާގެ ގައުމީ ސަރުކާރު (ޖީއެންއޭ) އާއި ދެމެދު ސުލްހައިގެ އެއްބަސްވުމެއް މިމަހުގެ ކުރީކޮޅު އެކުލަވާލިއެވެ. ނަމަވެސް 2 ފަރާތުންވެސް އެއްބަސްވުމާ ހިލާފަށް އަމަލު ހިންގަމުންދާ ދިއުމަށް އަދިވަނީ ސުލްހަވެރި ހައްލެއް ނުހޯދިފައެވެ. އެންމެފަހުން މިދިޔަ ހަފުތާގައި ރަޝިޔާގައި ކުރިއަށް ގެންދިޔަ މަޝްވަރާތައްވެސް ވަނީ ފެއިލްވެފައެވެ.

ހޮނިހިރު ދުވަހުވެސް ޖެނެރަލް ހަފުތާރުގެ ބާރުތަކުންވަނީ ލީބިޔާގެ ބޮޑެތި ބަނދަރަކުތަކުން އެކްސްޕޯޓްކުރަމުންދިޔަ ތެލުގެ ޝިޕްމަންޓްތަކަށް ހުރަސް އަޅާފައެވެ. ތެލަށް ބަރޯސާވެފައިވާ އިގުތިސޯދެއް އޮތް ލީބިޔާއަށް މިއީ ކުރިމަތިލާންޖެހުނު ބޮޑު ތަކުލީފަކަށް ވަނީ ވެފައެވެ.

މިފަދަ ހައްސާސް ދަނޑިވަޅެއްގައި ސުލްހައިގެ މަޝްވަރާތަކަށް ވަގުތު ކުޑަތަންވެފައިވަނިކޮށް އދގެ މަންދޫބު ސަލާމީ ވަނީ، ހަތިޔާރާ، އަސްކަރީ އަދި މާލީ ގޮތުން ލީބިޔާގެ ޕްރޮކްސީ ޖަމާއަތްތަކަށް އެއްބާރުލުން ދިނުން ހުއްޓާލުމަށް ބައިނަލްއަގުވާމީ ބާރުތަކަށް ގޮވާލައްވާފައެވެ. މިކަމުގެ ސަބަބުން ލީބިޔާގައި އިތުރު ބައިބައިވުންތަކެއް އުފެދިގެންދާކަންވެސް ސަލާމީ ވަނީ ފާހަގަކުރައްވާފައެވެ.

ލީބިޔާގެ ދާހިލީ ހަނގުރާމަގަނޑުގެ ތެރެއަށް ބޭރުގެ ބާރުތަކުން ވަންނަމުންދާ ކަން މިފަހުން ބައިނަލްއަގުވާމީ ސަމާލުކަމަށް އައިސްފައިވަނީ، ލީބިޔާގައި ތުރުކީވިލާތުގެ އަސްކަރީ ފައުޖުގެ ސަފުތައް ރުކުރުވާލުމަށް ތުރުކީވިލާތުން ގާނޫނެއް ފާސްކުރި ހިސާބުންނެވެ. ތުރުކީވިލާތުގެ ފައުޖުތަކުން ހަރަކާތްތެރިވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ބަލައިގެންފައިވާ ލީބިޔާގެ ޖީއެންއޭ ސަރުކާރުގެ ދިފާއުގައި، ޖެނެރަލް ހަފުތާރުގެ ބާރުތަކާ ދެކޮޅަށެވެ.

ބާލިންގައި މިއަދު ކުރިއަށް ގެންދާ ސުލްހައިގެ މަޝްވަރާތަކުގައި ޖެނެރަލް ހަފުތާރުގެ އިތުރުން ލީބިޔާގެ ރިޔާސީ ކައުންސިލްގެ ރައީސް އަދި ޖީއެންއޭގެ ބޮޑުވަޒީރު ފާއިޒު އަލް-ސައްރާޖުވެސް ބައިވެރިވާނެ ކަމަށް ޚަބަރު ލިބެއެވެ.

Leave a Reply

Your email address will not be published. Required fields are marked *