ވަޒީފާ އަށް އަސަރުކުރި މީހުންނަށް އެހީވުމަށް ވޯލްޑް ބޭންކުން 12.8 މިލިއަން ޑޮލަރުގެ އެހީއެއް

ވޯލްޑް ބޭންކް/ ފޮޓޯ- ގެޓީ އިމޭޖެސް

ކޮވިޑް19 ގެ ސަބަބުން ވަޒީފާއަށް އަސަރު ކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް ވޯލްޑް ބޭންކުން ރާއްޖެއަށް އެހީތެރިވުމަށް ނިންމައިފިއެވެ.

އެގޮތުން ވޯލްޑް ބޭންކުން ވަނީ ވަޒީފާއަށް އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް 12.8 މިލިއަން ޑޮލަރު (197.38 މިލިއަން ރުފިޔާ) ދިނުމަށް ނިންމާފައެވެ. މި އެހީގެ ދަށުން ރާއްޖޭގެ އިޖްތިމާއީ ރައްކާތެރިކަން އިތުރުކުރުމަށް ކުރިމަގުގައި ކުރިއަށްގެންދާ ޕްރޮގްރާމްތައް އިތުރުކުރާނެއެވެ.

ވޯލްޑް ބޭންކުން ބުނީ އެ އެހީތެރިކަމުގެ ސަބަބުން ސަރުކާރަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ވޯލްޑް ބޭންކުން ރާއްޖެ އާއި ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު އައިޑަހް ސްވަރާއީ ރިޑީހޯ ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގު ސިނާއަތުން ލިބޭ އާމްދަނީ ދަށަށް ގޮސްފައިވުމާއެކު މިކަމުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވަޒީފާ ގެއްލުނު ފަރާތްތަކަށް ކަމަށެވެ. އަދި ވޯލްޑް ބޭންކުގެ އެހީގެ ސަބަބުން އެފަރާތްތަކަށް އެހީވުމަށް ސަރުކާރުން ކުރިއަށްގެންދާ ޕްރޮގްރާމަށް އެހީތެރިވެދެވީ، ކުރިމަގުގައި ދިމާވެދާނެ އެފަދަ ކާރިސާއަކަށް ތައްޔާރުވުމަށް ރާއްޖޭގެ އިޖްތިމާއީ ދުޅަހެޔޮކަމުގެ ނިޒާމް ހަރުދަނާ ކުރެވުމަށް މަސައްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ވޯލްޑް ބޭންކުން މީގެކުރިން ވަނީ 7.3 މިލިއަން ޑޮލަރުގެ އެހީއަކާއި ކާރިސާތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރުކުރުމަށްޓަކައި 16.5 މިލިއަން ޑޮލަރުގެ އެހީއެއް ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *