ގަމުން ގޯތި ލިބުނު މީހުންގެ ލިސްޓު އާއްމުކޮށްފި

ލ. ގަން ---

ލ. ގަމުން އަލަށް ދޫކުުރުމަށް ކަނޑައެޅި ގޯތިތަކަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ގޯތި ލިބުނު މީހުންގެ ލިސްޓު ގަމު ކައުންސިލުން އާއްމުކޮށްފިއެވެ.

ގަމުން ވަނީ 400 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދީފައެވެ. އެކަމަށް އެދި 1400 އެއްހާ މީހުން ފޯނު ހުށަހެޅިއެވެ. ގޯތި ލިބުނު މީހުންގެ ލިސްޓު ކައުންސިލުން އާއްމު ކުރިއިރު ފަހުން އެ ލިސްޓު ވަނީ ނަގާފައެވެ.

ނަމަވެސް ގަމު ކައުންސިލުން ބުނީ އެ ލިސްޓު އޭރު ނެގީ އިދާރީ މައްސަލަތަކެއް ހުރުމުން ކަމަށެވެ. ގަމު ކައުންސިލުން ބުނެފައިވަނީ ގޯތި ދޫކުރާނީ އެންމެ މަތިން މާކްސް ލިބުނު މީހުންނަށް ކަމަށެވެ.

އެއްވެސް ސަބަބަކާހުރެ ލިސްޓުން މީހަކު އުނިކުރަން ޖެހިއްޖެނަމަ އެ ގޯތިތައް ލިބޭނެ މީހުންގެ ތަރުތީބު ލިސްޓެއްވެސް ވަނީ އާއްމުކޮށްފައެވެ. ކައުންސިލުން ބުނެފައި ވަނީ ގޯތި ލިބޭ ސަރަހައްދު ކަނޑައެޅުމަށް ބާއްވާ ގުރުއަތުނެގުން އޮންނާނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އާއްމު ހާލަތަށް ކަންކަން ރުޖޫއަވުމުން ކަމަށެވެ.

އާއްމު ކޮށްފައިވާ ލިސްޓަށް އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް މިހާރު ވަނީ ހުޅުވާލައިފައެވެ. ޝަކުވާތަށް ބަލައި، ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ގޯތި ލިބުނުކަމުގެ ލިޔުން، ލިސްޓްގައި ހިމެނޭ މީހުންނާއި ހަވާލުކުރާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ. މި ލިޔުން ދޫކުރުމަށް ހަމަޖެހިފައިވަނީ އީމެއިލްގެ ޒަރިއްޔާއިންނެވެ.

ގަމުން ގޯތި ދޫނުކުރާތާ 13 އަހަރުވެއްޖެއެވެ. އެންމެ ފަހުން ގޯތި ދޫކޮށްފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 2007ވަނަ އަހަރުއެވެ.

Leave a Reply

Your email address will not be published. Required fields are marked *