މިނިސްޓަރު އިމްރާން ވިދާޅުވަނީ ފުލުހުންގެ މުއައްސަސާ ރިފޯމު ކުރަންވީ ވަގުތަކީ މިއީ ކަމަށް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

ފުލުހުންގެ މުއައްސަސާ ރިފޯމްކޮށް ރައްޔިތުން އެދޭ ގޮތަށް މުއައްސަސާގެ ކަންކަން ބައްޓަން ކުރަންވީ ވަގުތަކީ މިއީ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން ވަނީ ރައްޔިތުންގެ މަޖިލީހުން ދިވެހި ފުލުހުންގެ ހިދުމަތުގެ ބިލުގެ މަސައްކަތް ބާރަށް ކުރިއަށްދާތީ އެކަމާ އުފާ ކުރައްވާ ކަމަށާއި އެއީ ލިބިގެންދިޔަ ވަރަށް ބޮޑު އުފަލެއް ކަމަށް ވިދާޅުވެފައެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބިލު ގާނޫނަކަށް ވާއިރު ފުލުހުންނާއި ގުޅޭ ކަންކަން ފުރިހަމައަށް ތަރުތީބު ކުރެވި، ރައްޔިތުން އިންތިހާބު ކުރާ ސަރުކާރަށް ފުލުހުންގެ ކަންކަން ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހި ރައްޔިތުން އެދޭ ފަދަ ހިދުމަތްދީ ފުލުހުންގެ މުއައްސަސާ އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އިމްރާން ވިދާޅުވިއެވެ. މީގެއިތުރުން މިއީ ރައްޔިތުން އެދޭ ބަދަލު ފުލުހުންގެ މުއައްސަސާ އަށް ގެނެސް، ފުލުހުން ރިފޯމް ކުރަންވީ މުހިއްމު ވަގުތު ކަމަށް އިމްރާން ވިދާޅުވިއެވެ.

ސަރުކާރުން ހުށަހަޅާފައިވާ ބިލުގައި ކޮމިޝަނަރު އޮފް ޕޮލިސް އައްޔަން ކުރާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުން ވަޒަންކޮށް ހޯމް މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާއެވެ. ކޮމިޝަނަރު އޮފް ޕޮލިސް އަކަށް އައްޔަން ކުރެވޭ މީހަކީ ފުލުހުންގެ ހިދުމަތުގެ ވަޒީފާގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސްއަށްވުރެ މަތީ ރޭންކެއްގައި ހުރި ބޭފުޅަކަށް ވާންޖެހެއެވެ. އަދި މި ބިލު ފާސްވެ ގާނޫނަކަށްވާއިރު ކޮމިޝަނަރު އޮފް ޕޮލިސް އަކަށް މީހަކު އައްޔަންކޮށްފައިވާ ނަމަ އެ މަގާމަށް އިތުރު މީހަކު އައްޔަން ކޮށްގެން ނުވާނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް ބިލުގައި ބަޔާންކޮށްފައިވާ މާއްދާތައް ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ހިނގާނެ ކަމަށް ބިލުގައިވެއެވެ.

މި މަގާމަށް ކުރިމަތިލާން ހުޅުވާލާނީ މި ބިލުގައި ބަޔާންކޮށްފައިވާ ޕްރޮމޯޝަން ބޯޑުންނެވެ. އަދި ކުރިމަތިލާ ފަރާތްތަކުގެ މެދުގައި އެ ބޯޑުން އިންޓަވިއު ކުރަންޖެހޭނެއެވެ. އަދި އެ ބޯޑުން ކަނޑައަޅާ އިމްތިހާނުތައް ހެދުމަކީ ލާޒިމް ކަމެއްގެ ގޮތުގައި ބިލުގައި ވަނީ ހިމަނާފައެވެ. ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމަށް ނަން ހުށަހަޅާ ފަރާތްތައް ޕްރޮމޯޝަން ބޯޑަށް ނަން ހުށަހެޅުމުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑު މެދުވެރިކޮށް ކޮމިޝަނަރު ކަމަށް އެފަރާތްތައް ކަނޑައެޅުމުގެ ޝަރުތު ހަމަވޭތޯއާ އެ މަގާމަށް ކުރިމަތިލާފައި ތިބި ބޭފުޅުންނަކީ އަބުރުވެރި ބައެއްތޯއާ އެމަގާމަށް ކުރިމަތިލާފައިވާ ތިބި އެއްވެސް ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށްވާ ނަމަ އެ ސަބަބުވެސް ހިމަނައިގެން އެ މަގާމަށް ކުރިމަތިލާފައިވާ ކޮންމެ ބޭފުޅަކާއި ގުޅޭ ރިޕޯޓެއް މި ދެތަނުން ޕްރޮމޯޝަން ބޯޑަށް ދޭންޖެހެއެވެ. އަދި އެ ރިޕޯޓު ހޯމް މިނިސްޓަރަށް ހުށަހަޅަންޖެހޭނެ ކަމަށްވެސް ބިލުގައި ބަޔާންކޮށްފައިވާނެއެވެ.

ކޮމިޝަނަރު އޮފް ޕޮލިސްއެއް އައްޔަން ކުރާނީ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށެވެ. އެހެންނަމަވެސް އެ މުއްދަތު ހަމަވެ އިތުރު ބޭފުޅަކު އެ މަގާމަށް އައްޔަން ކުރަން ޖެހިއްޖެ ހާލަތެއްގައި ކުރިން މަގާމުގައި ހުންނެވި ކޮމިޝަނަރު އޮފް ޕޮލިސް އެ މަގާމުގައި ބަހައްޓަން ހޯމް މިނިސްޓަރަށް ފެންނަ ހިނދެއްގައި އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމުގެ އުސޫލެއް ނުހިނގާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *