ރައީސާއި ނައިބު ރައީސްގެ މުސާރަ ކުޑަކުރި ނިންމުން ބާތިލްކުރަން ހުށަހެޅި މައްސަލަ ބަލައިގެންފި

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓު-

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ބައެއް މިނިިވަން މުއައްސަސާތަކުގެ މުސާރަ ރައްޔިތުންގެ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލަ އެ ކޯޓުން ބަލައިގެންފިއެވެ.

ދައުލަތުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން، ރައީސާއި ނައިބު ރައީސާއި ވަޒީރުންނާއި މަޖިލިސް މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ މުސާރަތައް ތިން މަހަށް ކުޑަކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ މަހުއެވެ. އެ މައްސަލަ މަޖިލީހުން ނިންމީ ގާނޫނާއި ހިލާފަށް ކަމަށް ބުނެ އެކަން ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމުއެވެ.

ހަލީމް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ވަނީ ރައީސާއި ނައިބު ރައީސްގެ މުސާރަ ގާނޫނުގައި ސާފުކޮށް ބަޔާން ކޮށްފައި ވަނީ ބޭނުން ކޮންމެ ވަގުތަކު، އެ ދެ ބޭފުޅުންގެ މުސާރަތައް ކުޑަނުކުރެވޭ ގޮތަށް ހެދުމުގެ ބޭނުމުގައި ކަމަށެވެ. ގާނޫނެއްގައި މުސާރަ އާއި އިނާޔަތްތައް ބަޔާން ކޮށްފައިވަނީ ވެސް އެ ދެ މަގާމުގައިި އެކަނި ކަމަށާއި އެހެންވެ، އެ ގާނޫނު އިސްލާހު ކުރުމެއް ނެތި މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކުރި ރިޕޯޓަކަށް ބިނާކޮށް، ރައީސާއި ނައިބު ރައީސްގެ މުސާރަ މަޖިލީހުން ކުޑަކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ.

ސުޕްރީމް ކޯޓުން ވަނީ އެ މައްސަލަ އަކީ އެކޯޓުގެ ގަވާއިދުތަކާއި އެއްގޮތަށް ހުށަހަޅާފައިވާ މައްސަލައަކަށް ވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމާފައެވެ. ސުޕްރީމް ކޯޓުން މައްސަލަ ބަލައިގެންފައި ވަނީ ވެސް މިއަދުއެވެ.

ރައީސާއި ނައިބު ރައީސްގެ އިތުރުން މިނިވަން މުއައްސަސާތަކުގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ހިއުމަން ރައިޓްސް ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލާއި އިންފޮމޭޝަން ކޮމިޝަނަރުގެ މުސާރަ އާއި އިނާޔަތްތައް އެ މަގާމުގައި ތިއްބަވާ ބޭފުޅުންގެ މަގާމުގެ މުއްދަތުގައި އުނި ނުކުރެވޭނެ ކަމަށް އެ މަގާމުތަކާ ގުޅޭ ގާނޫނުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވެސް އެ މައްސަލާގައިވެ އެވެ. އެހެންވެ، ގާނޫނުގައި ބަޔާންކުރާ ގޮތް ނޫން ގޮތަކަށް އެ މަގާމުގެ މުސާރަ އާއިި އިނާޔަތްތައް ވެސް ކުޑަ ނުކުރެވޭނެ ކަމަށް ހަލީމް ހުށަހެޅުއްވި މައްސަލައިގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *