އެމްއެމްޕީއާރްސީ މައްސަލައަށް ފުލުހުންގެ ތެރެއިން ހުރަސް އަޅާ: ނަޝީދު

ފުލުހުންތަކެއް ---

ރާއްޖޭގައި މިފަހުގެ ތާޜީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ ހިޔާނާތް ތަހުގީގު ކުރުމަށް ފުލުހުންގެ މުއައްސަސާގެ ތެރެއިން ހުރަސްތަކެއް ކުރިމަތިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ފުލުހުންގެ ބިލަށް މިއަދުގެ ޖަލްސާގައި މެންބަރަކު ބަހުސް ކުރައްވާ ނިންމެވުމުން އިތުރު މެންބަރަކަށް ފުރުސަތު އެރުވުމުގެ ކުރިން ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީތަކުން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ.

"އެމްއެމްޕީއާރުސީ ވައްކަމުގެ ތަހުގީގު މި ދަނީ ބަލަމުން، މި ދިމާވާ އެއް ކަމަކަށް މި ވަނީ ފުލުސް އޮފީހުގައި އެބަ ތިބި މި ދެންނެވި ބޮޑު ވައްކަމުގެ ތުހުމަތު ކުރެވޭ ކުދިން. އެ އޮފީހުގައި އެ ކުދިން ތިބެމެ ދެން ވަރަށް އުނދަގޫ ވާނެ އެ ބޭފުޅުން މެދުވެރިކޮށް ތަހުގީގެއް ގެންގޮސް ކަންކަން ނިންމަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ފުލުހުންގެ ތެރޭގައި ވަރަށް ގިނަ ގޯސްތައް ހިނގަމުން އަންނަ ކަމަށެވެ. އަދި ވަކިން ހާއްސަކޮށް އެމަނިކުފާނު ވަނީ ފުލުހުންގެ ތެރެއިން އެމްއެމްޕީއާރްސީ މައްސަލާގައި ޝާމިލިވާ ފަރާތްތައް ސަސްޕެންޑު ކުރަން ކޮންމެހެންވެސް ޖެހޭ ކަމަށް ވިދާޅުވެފައެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގްތަކާ ވެސް ގާތް ގުޅުން އޮންނަ ފުލުހުން އުޅޭ ކަމަށް ވިދާޅުވި އެވެ. މިކަމާ މެދު މެންބަރުން ވިސްނަވަން ވެސް ނަޝީދު އިލްތިމާސް ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *