މަޖިލީހުގައި ހިނގި ހަމަނުޖެހުން ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް އީސީއާރް އިން ގޮވާލައިފި

ނާފައިރު ދާއިރާގެ މެމްބަރު ޝިޔާމް މަޖިލިހުގެ ތަޅުމުން ނެރެން އުޅުމުން ހަމަނުޖެހުން ހިންގަނީ

ގާނޫނުއަސާސީ އިސްލާހު ކުރުމަށް މި މަހުގެ ދެވަނަ ދުވަހުގެ ރޭ ދަންވަރު ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި ހިނގާ ދިޔަ ހަމަނުޖެހުން ޔޫރަޕިއަން ކޮންޒަވޭޓިވްސް އެންޑް ރިފޯމިސްޓްސް ޕާޓީ (އީސީއާރް) އިން ގޮވާލައިފިއެވެ.

އީސީއާރް އިން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބުނު އަނިޔާއާ މެދު ކަންބޮޑުވާ ކަމަށެވެ. އަދި، މަޖިލީހުގައި އިދިކޮޅު ކޯލިޝަން ތަމްސީލުކުރާ މަދު މެންބަރުންނަށް އެބޭފުޅުންގެ ގާނޫނީ ޒިންމާ އަދާކުރަން ހުރަސް އެޅެމުންދާކަމީ ރާއްޖޭގައި ޑިމޮކްރަސީ އަށަގެންނެވުމަށާއި ދައުލަތުގެ ނިޒާމުތައް އިސްލާޙުކޮށް ހަރުދަނާ ކުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަށް ހީނަރުކަން އަންނާނެ ކަމެއްކަން ވެސް އެޕާޓީން ވަނީ ފާހަގަކޮށްފައެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން، މަޖިލީހުގެ މިއަދުގެ ޖަލްސާ ބޮއިކޮޓްކޮށްފައި ވަނީ ހިނގާދިޔަ ގައިރު ގާނޫނީ އަމަލުތަކާއި މެދު ނުރުހުން ފާޅުކޮށް، އެކަން މިނިވަންކަމާއި އެކު ތަހުގީގުކޮށް، މެންބަރު ޝިޔާމަށް އިންސާފު ހޯދައިދިނުމުގެ މުހިންމު ކަމަށް އަލި އަޅުވާލުމަށްޓަކައިކަން އީސީއާރުގެ ބަޔާނުގައިވެއެވެ.

މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުމުގެ ޖިނާއީ ތަހުގީގު ފުރިހަމަކަމާއި ހާމަކަންބޮޑުކަމާއެކު ކުރިއަށްގެންދިއުމަށް ދިވެހި ސަރުކާރަށް ގޮވާލާފައިވާ އެ ބަޔާނުގައި އީސީއާރުން ބުނެފައިވަނީ ޑިމޮކްރަސީ އާއި، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އަދި އިހުތިރާމު ކުރުމަށް ރާއްޖެއިން ދޭ ސަމާލުކަން މިނެކިރޭނީ އެ ތަހުގީގާއި މެދު ސަރުކާރުން އަމަލުކުރާގޮތެއްގެ މައްޗަށް ކަމަށެވެ.

އަދި، ރާއްޖޭގައި ޑެމޮކްރަސީއާ ހިލާފަށް ހިންގަމުންދާ އެފަދަ ކަންކަމާއި މެދު ކަންބޮޑުވުން އިތުރުވަމުން އަންނަ ކަމަށްވެސް އެބަޔާނުގައި ބުނެފައިވެއެވެ. އެފަދަ އަމަލުތައް ހިނގިޔަ ނުދިނުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ނަސޭހަތްތެރިވުމަށް ޔޫރަޕްގެ އިއްތިހާދަށް ވެސް އީސީއާރުން ވަނީ ގޮވާލައިފައެވެ.

އީސީއާރަކީ އިނގިރޭސިވިލާތުގެ ވެރިކަންކުރާ ކޮންޒަވެޓިވް ޕާޓީ ފަދަ ޑެމޮކްރަސީއާއި އިސްލާޙަށް ވަކާލާތުކުރާ 40 އަށްވުރެ ގިނަ ސިޔާސީ ޕާޓީ ހިމެނޭ ޖަމާއަތެކެވެ. ޔޫރަޕްގެ އިތުރުން ވެސް އެމެރިކާގެ ވެރިކަންކުރާ ރިޕަބްލިކަން ޕާޓީ ފަދަ ބޮޑެތި ސިޔާސީ ޕާޓީތައްވެސް އީސީއާރ ގެ މެންބަރުންގެ ތެރޭގައި ގުނާލެވެއެވެ.

މަޖިލީހުގައި ހިނގާދިޔަ ހަމަނުޖެހުން ފުލުހުން ތަހުގީގު ކުރަމުން އަންނައިރު މަޖިލީހުގެ ރައީސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕީޖީ ހުސައިން ޝަމީމަށް އިދިކޮޅުން ވަނީ ސިޓީއެއް ފޮނުވާފައެވެ. މި ހަމަނުޖެހުމުގައި ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *