މާދަމާ ވެސް މަޖިލީހުގެ ޖަލްސާއަށް ނުދާން އިދިކޮޅު މެންބަރުން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މާދާމާ ބާއްވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރި ނުވުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގެ މަޖިލިސް މެންބަރުން ނިންމައިފިއެވެ.

ޕީޕީއެމް އަދި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ޖޮއިންޓު ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގައި، މި މަހުގެ ދެވަނަ ދުވަހުގެ ދަންވަރު 1.30 ގައި ބޭއްވި ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދުގެ 65 ވަނަ މާއްދާއާ ޚިލާފަށް، ކުއްލިއަކަށް ނައިފަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ޝިޔާމްގެ ނަން އިއްވެވުމަށްފަހު، ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އަދި އެމް.ޑީ.ޕީގެ ބައެއް މެންބަރުން ލައްވާ މެންބަރު އަޙްމަދު ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރު ތަޅުލައި، އަދި މެންބަރު އަޙުމަދު ޝިޔާމުގެ ޙާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ޙައްޤު ވެސް ނިގުޅައިގަންފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

"ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ޤާނޫނީ ޒިންމާ އަދާކުރެވޭފަދަ މާހައުލެއް އޮތްކަމަށް ނުފެންނާތީވެ، އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު އަޙްމަދު ޝިޔާމުގެ ސިއްޙީ ޙާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްޤީޤެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައިވެސް ބައިވެރި ނުވާނެ ވާހަކަ ދަންނަވަމެވެ." ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިނގާދިޔަ މި އަނިޔާވެރި ޢަމަލު، ދިވެހިރާއްޖޭގައި އިންސާފާއި ހަމަހަމަކަމާއި ފުރިހަމަ ޑިމޮކްރެސީގެ ނިޒާމެއް ގެނައުމަށް މީގެކުރިން ވަކާލާތު ކުރަމުންއައި ސިޔާސީ ޕާޓީތަކާ މަޖިލީހުގައި ރައްޔިތުން ތަމްސީލް ކުރައްވާ މެމްބަރުންވެސް ކުށްވެރި ކުރައްވާ، މިފަދަ އަނިޔާވެރި ޢަމަލުތަކާ ދެކޮޅަށް އަޑުއުފުލަން ޖެހޭނެ ކަމަށް ދެކޭ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ރިޔާސީ އިންތިޚާބާ ދިމާކޮށް އެފަރާތްތަކުން ރައްޔިތުންނަށް ޔަޤީންކަން ދެއްވާފައިވާ ފަދައިން އަނިޔާވެރިކަމާ ނާއިންސާފާ ދެކޮޅަށް މިޙާލަތުގައިވެސް ބަސްބުނަން ފަސްނުޖެހޭނެ ކަމަށް މި ކޯލިޝަނުން އުއްމީދު ކުރާ ކަމަށވްެސް އެބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅުން މާދަމާގެ މަޖިލިސް ޖަލްސާގައިވެސް ބައިވެރި ނުވާން ނިންމާފައިވާއިރު މިއަދުގެ ޖަލްސާގައިވެސް އިދިކޮޅު މެންބަރުން ބައިވެރިވެފައެއް ނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *