މިޔަރު ހިފަން ހުއްދަ ކުރުމަށް ގޮވާލާ ޖާބިރު ހުށަހެޅި ގަރާރު ބޭރުކޮށްލައިފި

Jabir

ކާށިދޫ ދާއިރާގެ މަޖިލިސް މެންބަރު އަބްދުﷲ ޖާބިރު/ ފޮޓޯ- ރައްޔިތުންގެ މަޖިލިސް

މިޔަރާއި ކަހަނބު ހިފުމާއި ލޭނުމަސްވެރިކަން އަދި އެންދެރިނެގުން ހުއްދަކުރަން ގޮވާލައި ގަރާރެއް ރައްޔިތުންގެ މަޖިލީހަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި ގަރާރު ބޭރުކޮށްލައިފިއެވެ.

އެ ގަރާރު ބަލައިގަންނަން ނުފެންނަ ކަމަށް 53 މެންބަރުން މިއަދުގެ މަޖިލީހުގައި ވޯޓު ދެއްވިއެވެ. ގަރާރު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަތަރު މެންބަރުންނެވެ.

މި ގަރާރު ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ރާއްޖޭގެ ޓެރިޓަރީގައި އުޅޭ މިޔަރުތަކަކީ، އިންސާނުންނަށް ގެއްލުންދޭ މިޔަރު ތަކަކަށް ނުވި ނަމަވެސް ރާއްޖޭގެ ސަރަހައްދަށް އައިސް އުޅޭ މިޔަރު ތަކަކީ، އެތަކެތީގެ ސަބަބުން އިންސާނުންނަށާއި، މަސްމަހާމެއްސަށް ގެއްލުންދޭ މިޔަރުތަކެއްކަން އޭނާ ހެއްދެވި ދިރާސާތަކުން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެ މިޔަރުތަކުގެ ސަބަބުން މަސްވެރިންނަށާއި ފަތުރުވެރިންނަށް ލިބޭ އަނިޔާތައް ބޮޑުވަމުންދާކަން ފާހަގަ ކުރައްވައި ޖާބިރު ވަނީ މީގެ ދުވަސްކޮޅެއް ކުރިން ފަތުރުވެރިޔެއްގެ އަތް އަދި އޭގެ ކުރިން ފ. ބިލެތްދޫ މީހެއްގެ ފައިވެސް މިޔަރެއް ކާލާފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

ކަންކަން މިގޮތަށް ހުރުމާއެކު ދިވެހިކަނޑުތަކުގައި އުޅޭ އިންސާނުންނަށް ހަމަލާދޭ ނުރައްކާތެރި މިޔަރުގެ ބާވަތްތައް ދެނެގަތުމުގެ މަސައްކަތް މި ހިނދުން މި ހިނދަށް ފެށުމަށާއި، އެތަކެތީގެ ސަބަބުން މަސްވެރިންނާއި ފަތުރުވެރިންނަށް ކުރިމަތިވާ ގެއްލުންތަކާއި، އަނިޔާތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް މިހިނދުން މި ހިނދަށް އެޅުމަށް ޖާބިރު ވަނީ ގޮވާލާފައެވެ.

ފަންސާސް މޭލު އެތެރޭ ސަރަހައްދުގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުން ދިވެހި މަސްވެރިންނަށް މަނާކޮށްފައި އޮންނަ އޮތުމަށް މިހިނދުން މިހިނދަށް ނިމުން ގެނެސް، ރާއްޖޭގައި ލޭނު އެޅުމުގެ މަސްވެރިކަން ކުރުމުގެ ހުއްދަ އަލުން ދީ، އަދި އެއްވެސް ހުރަހެއް ނެތި ރާއްޖޭގެ ނޫ އިގްތިސޯދުގެ ނަފާ އެންމެހާ ދިވެހި ރައްޔިތުންނަށް ލިބިގެންދާނެ ގޮތުގެމަތިން، ވަކި ގަވާއިދެއް ހެދުމަށް ޖާބިރު ވަނީ ހުށަހަޅާފައެވެ.

އަދި އެ ގަވާއިދުގެ ދަށުން މިޔަރާއި ކަހަނބާއި އެންދެރި ނެގުމަކީވެސް ދިވެހި މަސްވެރިކަމުގެ ތެރޭގައި ހިމެނޭ ހުއްދަ ކަމެއްގެ ގޮތުގައި ހަމަޖައްސައި އަދި އެ ހުއްދަ ދިވެހި މަސްވެރިންނަށް ދިނުމަށް ޖާބިރު ވަނީ ހުށަހަޅާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *