ޝިޔާމަށް އަނިޔާކުރި މައްސަލާގައި ނަޝީދަށް ދައުވާ ކޮށްދިނުމަށް އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ: ފޮޓޯ / މަޖިލިސް

ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދައުވާ ކޮށްދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޕްރޮސިކިއުޓަރު ޖެނެރަލް ހުސައިން ޝަމީމްގެ އަރިހުން އެދިއްޖެއެވެ.

ޕީޖީ ޝަމީމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ފޮނުވި ސިޓީގައި ވަނީ ރައީސް ނަޝީދުގެ އެންގެވުމަށް އެމްޑީޕީގެ ބައެއް މެމްބަރުން ޝިޔާމަށް އަނިޔާކޮށް، މާރާމާރީ ހިންގާފައިވާ ކަމަށެވެ. އެެހެންކަމުން އެ އަމަލު ހިންގުމަށް އެންގެވި މަޖިލީހުގެ ރައީސް އާއި އެކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާކޮށް، ޖިނާއީ މައްސަލައެއްގެ ގޮތުގައި ފިޔަވަޅު އެޅުމަށް ކަމާބެހޭ މުއައްސަސާތަކަށް އަމަރު ކޮށްދެއްވުމަށް ވެސް އިދިކޮޅުން ވަނީ އެދިފައެވެ.

އަދި މި މައްސަލައިގެ ޖިނާއީ ތަހުގީގު ފުލުހުން ފަށާފައިވާއިރު ފުލުހުންގެ ފަރާތުން ކުރިއަށް ގެންދާ ތަހުގީގަކީ ނުފޫޒުތަކުން އެއްކިބާވެފައިވާ މިނިވަން އިންސާފުވެރި ތަހުގީގެއް ކަން ކަށަވަރު ކުރުމުގެ ގޮތުން އެ ތަހުގީގު ކުރިއަށް ގެންދާ ގޮތް ގާތުން ބަލައިދިނުމަށް ޕީޖީގެ އަރިހުން އެ ސިޓީގައި އެދިފައިވެއެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ. މިކަމުގެ ސަބަބުން ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް މީގެކުރިން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ. ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *