ހެރީއާއި މޭގަން ޝާހީ ލަގަބުތައް ވެސް ދޫކޮށްލައްވަނީ

ޕްރިންސް ހެރީ އަދި އަނބިކަނބަލުން މޭގަން--

އިނގިރޭސި ރާނީ އެލިޒަބަތު (ދެވަނަ)ގެ މާމަދަރިކަލުން ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން މާކަލް އިނގިރޭސި ޝާހީ އާއިލާގެ ލަގަބުތަކާއި މަސައްކަތްތަކުން އެއްކިބާވެ، ޝާހީ އާއިލާއާ ވަކިވާނީ މި އަހަރުގެ ރަބީއު (ސްޕްރިންގް) މޫސުމުގެ ތެރޭގައިކަމަށް އެ އާއިލާއިން އިއުލާނުކޮށްފި އެވެ.

ޕްރިންސް ހެރީއާއި އަނބިކަނބަލުން މޭގަން ޝާހީ އާއިލާއިން ވަކިވެވަޑައިގަތުމަށާއި މާލީ ގޮތުން މިނިވަން ބަޔަކަށް ވުމަށް ނިންމެވި ނިންމެވުން މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ހާމަކުރެއްވީއްސުރެ އެ އާއިލާ ތެރޭގައި އޮތީ ނުތަނަވަސްކަން ފެތުރިފަ އެވެ. އަދި އެ ކަމާ ގުޅިގެން އިނގިރޭސި ރާނީ، އެ އާއިލާގެ އިސް މެމްބަރުން ހިމެނޭ ގޮތަށް ކުއްލި ބައްދަލުވުމެއްވެސް ބާއްވަވައި، އެކަމަށް ހައްލެއް ހޯއްދެވުމަށް މަޝްވަރާކުރެއްވި އެވެ.

އެހެން ނަމަވެސް ޕްރިންސް ހެރީގެ ދެކަނބަލުން އެ ނިންމެވުން ބަދަލުކުރައްވަން ދެކޮޅު ހެއްދެވުމުން ޝާހީ އާއިލާއިން ފަހުން ބުނެފައި ވަނީ އެ ދެކަނބަލުންގެ ނިންމެވުމަށް ތާއީދުކޮށް، އެއްބާރުލުން ދެއްވާނެ ކަމަށެވެ.

ޝާހީ އާއިލާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެކަނބަލުންނާ އެކު އެއްބަސްވި ގޮތަށް، މިއަދުން ފެށިގެން އެ ދެކަނބަލުން ވާނީ ޝާހީ ޑިއުޓީތަކުން އެއްކިބާވެފައި ކަމަށެވެ. އަދި އެ ދެކަނބަލުންނަށް ރަސްމީ އަސްކަރީ ލަގަބުތަކެއް ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށާއި، ޝާހީ މަސައްކަތް ކުރެއްވުމަށް ދައުލަތުން ފައިސާ ވެސް ލިބިވަޑައިނުގަންނަވާނެ ކަމަށެވެ.

މީގެ އިތުރުން ޕްރިންސްް ހެރީއާއި މޭގަންއަކީ މިހާރު ޝާހީ އާއިލާގެ މަސައްކަތުގައި އުޅުއްވާ ދެކަނބަލުންނަށް ނުވާތީ، ޝާހީ އެއްވެސް ލަގަބެއް ވެސް އެ ދެކަނބަލުންނަށް ބޭނުން ނުކުރެއްވޭނެ ކަމަށާއި ރަސްމީ ހައިސިއްޔަތުން އެއްވެސް ތަނެއްގައި ރާނީ ތަމްސީލު ނުކުރެއްވޭނެ ކަމަށް ޝާހީ އާއިލާގެ ބަޔާނުގައި ބުނެ އެވެ.

އެ ދެކަނބަލުން އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅުއްވާ ޕްރޮގްމޯ ކޮޓޭޖް، އިނގިރޭސިވިލާތުގައި ހުންނަ އެ ދެކަނބަލުންގެ ގެ ކަމުގައި ބާއްވާނެ ކަމަށް ޝާހީ އާއިލާއިން ބުނެ އެވެ. ނަމަވެސް އެ ދެކަނބަލުންގެ އެދިވަޑައިގަތުމުގެ ދަށުން އެ ގޭގެ މަރާމާތަށް އިނގިރޭސި ދައުލަތުން ޚަރަދުކޮށްފައިވާ 2.4 މިލިއަން ޕައުންޑަށްވާ ފައިސާ އަނބުރާ ދައްކާނެކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި މި އަހަރުގެ ފިނި މޫސުން ނިމި، ފެށޭ ރަބީޢު މޫސުމުގެ ދުވަސްވަރުގެ ތެރޭގައި މިކަންކަން ތަންފީޒުވާން ފަށާނެކަމަށް ޝާހީ އާއިލާއިން ބުންޏެވެ.

ރާނީ އެލިޒަބަތު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މާމަދަރިކަލުން ހެރީގެ އާއިލާއިން ކުރިއަށް ދާން ބޭނުންވާ، އަދި ޝާހީ އާއިލާއިން ހިތްހަމަޖެހޭ ހައްލެއް ފެނިފައިވާތީ އުފާކުރައްވާ ކަމަށެވެ.

ރާނީ ވިދާޅުވީ ހެރީއާއި މޭގަން މިނިވަން ދިރިއުޅުމެއް އުޅުއްވުމަށް ނިންމެވީ މިދިޔަ ދެ އަހަރުގެ ތެރޭގައި ގިނަ ބަޔަކު އެ ދެކަނބަލުންނަށް ފާޑުކިޔައި ހެދުމުގެ ސަބަބުން ދިމާވަމުން ދިޔަ ގޮންޖެހުންތަކާ ހެދި ކަމަށެވެ.

"މި ގައުމުގައާއި ކޮމަންވެލްތުގައި އަދި އޭގެ ބޭރުން ވެސް އެ ދެކަނބަލުން ކޮށްދެއްވި މަސައްކަތްތަކަށް ޝުކުރު އަދާކުރަން. އަދި މޭގަން ވެސް ކުރު މުއްދަތެއްގެ ތެރޭގައި މި އާއިލާގެ ފުރިހަމަ މެމްބަރަކަށް ވީކަމީ ފަޚުރުވެރިވާ ކަމެއް،" ރާނީ ވިދާޅުވި އެވެ.

އިނގިރޭސި ވަލީއަހުދު ޕްރިންސް ޗާލްސްގެ ހަގު ދަރިކަލުން ޕްރިންސް ހެރީ، އެމެރިކާއަށް ނިސްބަތްވާ ކުރީގެ ފިލްމީތަރި މޭގަން މާކަލްއާ ކައިވެނިބައްލަވައިގަތީ 2018 ވަނަ އަހަރުގެ ތެރޭގަ އެވެ.

ނަމަވެސް އިނގިރޭސި ޓެބްލޮއިޑް ނޫސްތަކުން އައީ މޭގަން މާކަލްއަށް އެކި ގޮތްގޮތަށް ފާޑު ކިޔައި، އަދި ނަސްލީ ގޮތުން ފުރައްސާރަކުރަމުންނެވެ. މިކަންކަމާ ޕްރިންސް ހެރީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައި، އިނގިރޭސި މީޑިއާއިން މޭގަންއާ މެދު އަމަލުކުރަމުން ދަނީ އޭނާގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއާ މެދުވެސް އަމަލުކުރި ދެރަ އަދި ނަފުރަތު އުފެދެނިވި ގޮތްތަކަށް ކަމަށް ސިފަކުރެއްވި އެވެ.

Leave a Reply

Your email address will not be published. Required fields are marked *