ޔޫއޭއީން ރާއްޖެއަށް 77.3 މިލިއަން ރުފިޔާގެ ސިއްހީ ސާމާނު ފޮނުވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އަދި ޔޫއޭއީގެ ފޮރިން މިނިސްޓަރު --

ކޮވިޑް19 އާ ގުޅިގެން ޔުނައިޓެޑް އަރަބް އެމިރޭޓްސް އިން 77.3 މިލިއަން ރުފިޔާގެ މެޑިކަލް އިކުއިޕްމަންޓް ދިވެހިރާއްޖެއަށް ހަދިޔާކޮށްފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ ރިއަލް ޓައިމް ޕީސީއާރް ސިސްޓަމާއި ޕީސީއާރް އެކްސްޓްރެކްޝަން މެޝިނާއި ކޮވިޑް19 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓާއި 30 ހާސް ޓެސްޓް ހެދޭނެ ޕީސީއާރް ކިޓާއި ޕީޕީއީ (ޑިސްޕޯސަބަލް ކަވަރޯލްސް، ޝޫ ކަވަރ، ފޭސް މާސްކް، ފޭސް ޝީލްޑް، މާސްކް އަދި އަންގި ހިމެނޭ ގޮތަށް) އަދި ހޭންޑް ސެނިޓައިޒާ ކަމަށެވެ.

މީގެ ތެރޭގައި ހިމެނޭ ޕީސީއާރް މެޝިނުން ގަޑިއަކު 96 ޓެސްޓް ހެދޭނެ ކަމަށް ފޮރިން މިނިސްޓްރީން ހާމަކުރެއެވެ. އަދި މިއާއެކު ރާއްޖޭގައި ކޮވިޑް19 އަށް ޓެސްޓްކުރުމުގެ ސްޕީޑް އަވަސްވެ، ބައްޔާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ފޯރުކޮށްދިން މި އެހީގެ ތަކެތީގެ ބަރުދަނުގައި 70 ޓަނު ހުރިއިރު، މިތަކެތި މިއަދު ރާއްޖެ ގެނެސްފައިވަނީ މިކަމަށް ހާއްސަކޮށް ޔޫއޭއީ އިން ފޮނުވި ހާއްސަ މަތިންދާ ބޯޓެއްގައެވެ.

މިދިޔަ އެޕްރީލް މަހުގެ 10 ވަނަ ދުވަހު މިނިސްޓަރު ޝާހިދު ވަނީ ޔޫއޭއީ ގެ ފޮރިން މިނިސްޓަރު ޝައިހް އަބްދުﷲ ބިން ޒައިދް އަލް ނަޙްޔާން އާއި ފޯނުން ގުޅުއްވައި، ރާއްޖޭގެ ހާލަތާ ބެހޭ މައުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ކޮވިޑް19 އާ ދެކޮޅަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ބެހޭ މައުލޫމާތު ޔޫއޭއީ ސަރުކާރަށް އެދުވަހު މިނިސްޓަރު ޝާހިދު ވަނީ ހިއްސާ ކޮށްދެއްވާފައެވެ.

މިނިސްޓަރު ޝާހިދު ވަނީ ޔޫއޭއީގެ ވެރިންނާއި، ސަރުކާރާއި އަހުވަންތަ ރައްޔިތުންނަށް މިއަދު ފޮނުއްވި އެހީއަށްޓަކައި ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. ޔޫއޭއީ އިން ހަދިޔާކުރި ތަކެތީގެ ސަބަބުން ކޮވިޑް19 އަށް ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުކުރެވި، ޓެސްޓް ކުރެވޭ މިންވަރު އިތުރުކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ. އަދި މިއީ މިހާރު އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދީ، "ނިއު ނޯމަލް" އާ ދިމާއަށް ރާއްޖެއިން މިސްރާބު ޖަހާފައިވާ މިދަނޑިވަޅުގައި މިމަސައްކަތަށް ލިބުނު އިތުރު ކުރިއެރުމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ދިވެހި ރައްޔިތުންނަށް ބޭނުމެއް ޖެހޭ ކޮންމެ ހިނދެއްގައި ރާއްޖެއަށް އެހީތެރިވުމަށް ޔޫއޭއީ ސަރުކާރުން ދެއްވާ ހާއްސަ އަހައްމިއްޔަތު ކަމަށް ދިވެހި ސަރުކާރުން ޝުކުރު އަދާކުރެއެވެ.

ނަވާރަ ސަތޭކަ ހަތްދިހަވަނަ އަހަރުތަކުގެ ފަހު ކޮޅުން ފެށިގެން ޔޫއޭއީ ސަރުކާރުން އަންނަނީ ރާއްޖެއަށް އެކި ގޮތްގޮތުން އެހީތެރިވަމުންނެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގެ އުމްރާނީ ތަރައްގީ އަށް އެގައުމުން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކޮށްލެވެއެވެ.

އަދި މިދިޔަ މާޗް މަހުގެ 9 ވަނަ ދުވަހުވެސް ހިލޭ އެހީގެ ގޮތުގައި ޔޫއޭއީ އިން ރާއްޖެއަށް 771 މިލިއަން ރުފިޔާ ދިނުމުގެ އެއްބަސްވުމުގައި މިނިސްޓަރު ޝާހިދު ވަނީ އަބޫދާބީގައި ސޮއިކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު 2018 ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހިރާއްޖެއާ ޔޫއޭއީ އާ ދެމެދު އޮންނަ ގުޅުން ވަނީ ވަރަށް ބޮޑުތަނުން އިތުރަށް ހަރުދަނާވެފައެވެ. މިހާތަނަށް އެމަނިކުފާނު ޔޫއޭއީއަށް 2 ފަހަރެއްގެ މަތިން ޒިޔާރަތްކުރައްވާފައިވެއެވެ. އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި ޔޫއޭއީއަށްވެސް ވަޑައިގެންފައިވެއެވެ. އޭގެ ފަހުން އެކި ފަހަރުމަތިން ޔޫއޭއީއަށް ވަޑައިގެން އެގައުމުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވައި، މަޝްވަރާތައް ބާއްވަވާފައިވެއެވެ.

ޔޫ.އޭ.އީ އިން މިއަދު ރާއްޖެއަށް ހަދިޔާކުރި އެހީގެ ތަކެތީގެ ތަފްސީލް:

- 100،000 ސެނިޓައިޒަރ ފުޅި
- 225،000 ކޭ.އެން 95 މާސްކް
- 2،500،000 ސަރޖިކަލް މާސްކް
- 5000 އަންގި ފޮށި (ކޮންމެ ފޮއްޓެއްގައި 100 އަންގި)
- 75،000 ޑިސްޕޯސަބަލް ގައުންސް (ޝޫ ކަވަރ އާއެކު)
- 10،000 ފޭސް ޝީލްޑް
- ޕީ.ސީ.އާރް އެކްސްޓްރެކްޝަން މެޝިން
- 30،000 ޑައިގްނޯސްޓިކް އެކްސްޓްރެކްޝަން ކިޓް
- 2 ރިއަލް ޓައިމް ޕީ.ސީ.އާރް ސިސްޓަމް

Leave a Reply

Your email address will not be published. Required fields are marked *