ހިޔާ ފްލެޓުތައް ނަޝީދަށް ވަރަށް "ސަޅި"ވެއްޖެ: މެންބަރު ހުސައިން

ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ޖަލްސާއެއްގައި ވާހަކަދައްކަވަނީ --

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ހިޔާ މަޝްރޫއު"ގެ ދަށުން އިމާރާތް ކޮށްފައިވާ ފްލެޓުތައް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ޥަރަށް "ސަޅި" ވެއްޖެ ކަމަށް ވިދާޅުވެ ހިޔާ ފްލެޓުތަކާއި ގުޅިގެން ނަޝީދު ދެއްކެވި ވާހަކައަށް ފަރެސް މާތޮޑާ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރު ހުސައިން މުހައްމަދު ލަތީފު ރައްދު ދެއްވައިފިއެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަޅަފައިވާ ފްލެޓުތައް އަޅާފައިވަނީ 500 އަކަފޫޓު ކުދި ކޮތަރަ ކޮށިތަކެއް ގޮތަށް ކަމަށެވެ. އޭގެއިން ތަނެއްގެ އަކަފޫޓަކަށް 1900 ރުފިޔާ ހަރަދުކޮށްފައިވާއިރު ކުލީގެ ގޮތުގައި 11000 ރުފިޔާ ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން ދެކޮޅު ޖައްސާނީ ކިހިނެއްތޯ ނަޝީދު ވަނީ ސުވާލު އުފައްދާފައެވެ. އެ ޓްވީޓުގައި ނަޝީދު ވަނީ ފްލެޓުތަކުގެ ފޮޓޯއެއް ހިއްސާ ކުރައްވާފައެވެ. ފާޑު ވިދާޅުވެ ނަޝީދު ވިދާޅުވީ އެއީ ދަރަނި ދަންތުރައިގެ ފޮޓޯއެއް ކަމަށެވެ.

ނަޝީދު ވިދާޅުވީ ހިޔާ ފްލެޓުތައް ފިޔަވަައި ދެން ގިނަ ތަންތަނަކީ އެމްޑީޕީގެ ސިޔާސަތު ކަމަށެވެ. އަދި އެތަންތަން ތަނަވަސްވުމުގެ އިތުރުން އަގުވެސް ހުންނާނީ އެކަށީގެންވާ ވަރެއްގައި ކަމަށެވެ.

ނަޝީދަށް ރައްދު ދެއްވާ މެންބަރު ހުސައިން ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހިޔާ ފްލެޓުތައް ނަޝީދަށް ވަރަށް "ސަޅި" ވެއްޖެ ކަމަށް ޔަގީންވެއްޖެ ކަމަށެވެ. މާލޭގައި ގިނައީ 200 ވަރަކަށް ފޫޓުގެ ކުދި ކުދި ކޮޓަރިތަކުގައި އުޅޭ އާއިލާތައް ކަމަށާއި އެހެންކަމުން 500 އަކަފޫޓުގެ ތަނެއް އެފަދަ އާއިލާތަކަށް ލިބުމަކީ ލަގްޒަރީ ދިރިއުޅުމެއް އުޅެވިގެން ދިއުން ކަމަށް މެންބަރު ހުސައިން ވިދާޅުވިއެވެ. ހިޔާ ފްލެޓުތަކުގެ ބޮޑުމިނުގައި ހުރީ 500 ފޫޓު ކަމަށް ނަޝީދު ވިދާޅުވެފައިވާތީ ހުސައިން ވިދާޅުވީ ފްލެޓުތަކުގެ އަސްލު ބޮޑު މިނަކީ 720 ފޫޓު ކަމަށެވެ.

ރައީސް ޔާމީންގެ ވިސްނުމަކަށްވީ ތޮއް ނުޖެހި ދެމަފިރިއަކާއި ދަރިންނަށް އުޅެވޭނެ ގޮތް ހަމަޖައްސައި ދެއްވުން ކަމަށް މެންބަރު ހުސައިން ފާހަގަކުރެއްވިއެވެ. ކަފޫޓަކަށް 1900 ރުފިޔާ ޖެހޭ ކަމަށް ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވާ ހުސައިން ވިދާޅުވީ އަކަފޫޓަކަށް އަސްލު ޖެހެނީ 1450 ރުފިޔާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ވަނީ 25 ބުރީގެ 16 ޓަވަރު ހުޅުމާލޭގައި އިމާރާތްކޮށްފައެވެ. އެ ޓަވަރުތަކުން 6،860 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.