މާދަމާގެ މަޖިލިސް ޖަލްސާގައި އިދިކޮޅު މެންބަރުން ބައިވެރިނުވާން ނިންމައިފި

ރައްޔިތުން މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެންބަރުން ބައިވެރިނުވުމަށް ނިންމައިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިން ޕާލިމަންޓްރީ ގްރޫޕުން ނެރެފައިވާ ބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަމަލުކުރައްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ މުޅިން ހިލާފަށް ކަމަށެވެ. އެގޮތުން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ ބޭރަށް ނިކުންނެވުމަށް އަމުރު ކުރައްވައި، އެމްޑީޕީގެ މެންބަރުން ލައްވާ ޝިޔާމަށް އަނިޔާކޮށްފައިވާ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

އިތުރަށް އެބަޔާނުގައި ބުނީ މަޖިލީހުގެ ރިޔާސަތުގެ އެންގެވުމަށް އެމްޑީޕީގެ މެންބަރުން މާރާމާރީ ހިންގައި، ގަދަކަމުން މަޖިލީހުގެ މާލަމުން ބޭރަށް ނެރެލުމަށްފަހު މަޖިލިސްކުރާ މާލަމުގެ ދޮރުވެސް ތަޅުލާފައިވާ ކަމަށެވެ. އަދި މެންބަރު ޝިޔާމުގެ ހާލަތު ދެނެގަތުމަށް ޖަލްސާކުރާ މާލަމުން ނިކުންނެވި އިދިކޮޅު ޕާޓީގެ މެންބަރުން ޖަލްސާގައި ބައިވެރިނުކޮށް، އަދި މެންބަރުންނަށް ވާހަކަ ދެއްކުމާއި ވޯޓުލުމުގެ ހައްގުވެސް ނިގުޅައިގަނެފައިވާ ކަމަށްވެސް އެބަޔާނުގައި އިދިކޮޅު ޖޮއިންޓު ޕީޖީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ހ) ގައި، "ރައްޔިތުންގެ މަޖިލީހުގެ އެންމެހާ ކަންކަން ހިންގުމުގެ އެންމެ އިސް ވެރިޔަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް" ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ ތިން ވަނަ މާއްދާގައި، މަޖިލީހުގެ ހުރުމަތާއި ގަދަރު ހިފެހެއްޓުމާއި މަޖިލީހުގެ ކަރާމާތަށް އުނިކަމެއް އަތުވެދާނެކަމަށް ބެލެވޭކަމެއް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ހުއްޓުވުމަށް ކުރަންޖެހޭ ކަންކަން ކުރުމަކީ، މަޖިލީހުގެ ރައީސްގެ ޒިންމާއެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށް ބަޔާނުގައިވެއެވެ. އެ މަސްއޫލިއްޔަތު އަދާ ނުކުރައްވައި، މަޖިލީހުގެ ހުރުމަތާއި ކަރާމަތާއި ގަދަރު ކުޑަވާގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަމުގައި މަޖިލީހުގެ މެންބަރުން މާރާމާރީ ހިންގީ ގާނޫނުއަސާސީގެ 105 ވަނަ މާއްދާގެ (ހ) އާއި (ށ) އާއި 239 ވަނަ މާއްދާގެ (ށ) އާއި އަދި ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 27 ވަނަ މާއްދާގެ (ބ) ގައިވާގޮތުގެ މަތިން ރައްޔިތުންގެ މަޖިލީހާއި މެންބަރުންގެ ސަލާމަތީ ކަންކަން، ދައުލަތުގެ ސަލާމަތީ ހިދުމަތްތައް މެދުވެރިކޮށް ފުރިހަމައަށް އިންތިޒާމު ކުރައްވާފައި ނުވާތީ ކަމަށް ގަބޫލު ކުރެވޭ ކަމަށްވެސް އިދިކޮޅުގެ ޖޮއިންޓު ޕީޖީގެ ބަޔާނުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު، ގާނޫނީ ޒިންމާ އަދާކުރެވޭ ފަދަ މާހައުލެއް އޮތް ކަމަށް ނުފެންނަ ކަމަށްވެސް ބަޔާނުގައިވެއެވެ. އަދި އެރޭގެ ޖަލްސާގައި ލިބުނު އަނިޔާތަކުގެ ސަބަބުން މެންބަރު ޝިޔާމުގެ ސިއްހީ ހާލުކޮޅު ގޯސްވެފައި ވާތީއާއި، އެކަމާގުޅޭ ޖިނާޢީ ތަހްގީގެއް ހިނގަމުންދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ބައިވެރި ނުވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އިދިކޮޅު ޖޮއިންޓު ޕީޖީ ގްރޫޕުން ނެރުނު ބަޔާނުގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވުމާ ގުޅޭގޮތުން ޖޮއިންޓް ޕީޖީގެ ނިންމުން ވަރަށް އަވަހަށް ހާމަކުރާނެ ކަމަށެވެ.

ހިޔާލު ދެއްވާ!

Your email address will not be published.