ނަޝީދު އީޕީއޭ ނައީމްގެ ދިފާއުގައި، ވިދާޅުވީ އެއީ ތަޖުރިބާކާރު ބޭފުޅެއް ކަމަށް!

ރައީސް ނަޝީދު އީޕީއޭގެ ޑީޖީ ނައީމްއާ ބައްދަލުކުރައްވަނީ ---

އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި އިބްރާހީމް ނައީމުގެ ދިފާއުގައި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިކުންނަވައިފިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައި މިވަނީ އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރުގެ އިރުޝާދަށް އަމަލު ކުރަން ދެކޮޅު ހެދި ކަމަށް ބުނެ މިނިސްޓްރީއިން ވަނީ ނައީމްއަށް އިންޒާރު ދީފައިވާ ދަނޑިވަޅެއްގައެވެ. އެ އިންޒާރުގައި ބުނެފައި ވަނީ އެކަން ތަކުރާރުކޮށްފި ނަމަ ނައީމްގެ ވަޒީފާގެ ފަންތި ދަށް ކުރަން، ނުވަތަ ސަސްޕެންޑު ކުރަން ނުވަތަ ވަޒީފާއިން ވަކި ކުރަން ޖެހިދާނެ ކަމަށެވެ.

ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "އީޕީއޭގެ ޑީޖީ އަކީ ތަޖުރިބާކާރު ބޭފުޅެއް" ކަމަށެވެ.

ނަޝީދު ނައީމްއާ ބައްދަލުކުރައްވާފައި ވަނީ ރައްޔިތުން މަޖިލީހުގެ އިދާރާގައެވެ. ނައީމް އަށް އިންޒާރު ދެއްވި މައްސަލާގައި ރައްޔިތުން މަޖިލީހުގެ އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީގައި ވާހަކަދައްކަވަމުން އެންވަޔަރަމަންޓު މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވީ ނައީމަށް އިންޒާރު ދީފައިވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓީ ކަމަށެވެ. އަދި އެއީ އޭނާ އަމިއްލަ އަށް ނިންމި ނިންމުމެއް ކަމަށާއި އެކަމުގައި މިނިސްޓަރު އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށެވެ.

އަދި ނައީމަށް އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އިންޒާރު ދިނީ ގުޅީފަޅު މަޝްރޫއުއާ ގުޅިގެން ރައްޔިތުންނަށް މައުލޫމާތު އީޕީއޭ އިން ހާމަ ކޮށްދިނުމަށް އެދުމުން އެކަމަށް ނައީމް އިންކާރު ކުރުމުން ކަމަށެވެ. އަދި އެހެން ވިދާޅުވުމުން އެކަން ކުރަން ޖެހޭނީ މިނިސްޓްރީން ކަމަށް ނައީމް ވިދާޅުވި ކަމަށްވެސް މިނިސްޓަރު ހުސައިން ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ ތަރައްގީގެ ގިނަ މަސައްކަތްތަކަކުން ތިމާވެއްޓަށް ނުރަނގަޅު އަސަރު ކުރާ ކަމަށެވެ. އަދި ވިދާޅުވީ މާލެ ސަރަހައްދަށް އިތުރު ހިކިފަސް ބޭނުންވާ ސަބަބަކީ މާލޭގައި ދިރިއުޅުއްވާ "އެހެންގޮތެއް ނެތް" ގިނަ ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ކަމަށެވެ. އަދި މާލެ ސަރަހައްދަަށް އިތުރު ހިކިފަސް ބޭނުންވާ އަނެއް ސަބަބަކީ މި ސަރަހައްދު ތޮއްޖެހުން ކުޑަ ކުރުން ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *