އޮންލައިންކޮށް ބޭއްވި ޝަރީއަތުގައި ހަސަން ސައީދުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކޮށްފި

ހަސަން ސައީދު: ފޮޓޯ / މިހާރު

ފުރަތަމަ ފަހަރަށް އޮންލައިންކޮށް ހައިކޯޓުން ބޭއްވި ޝަރީއަތުގައި ކުރީގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ބާތިލްކޮށްފިއެވެ.

ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާ ހަސަން ސައީދުގެ މައްޗަށް އުފުލާ ހަތަރު މަހާއި 24 ދުވަހަށް އޭނާ ޖަލަށް ލުމަށް ހުކުމް ކޫރީ ސުޕްރީމް ކޯޓުން 2018ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަކާއި ގުޅިގެން ފުލުހުން ހަސަން ސައީދު ހޯދަން އިއުލާން ކުރުމުން އޭނާ ފުލުހުންގެ މުއައްސަސާއަށް ހާޒިރުނުވި މައްސަލާގައެވެ. އެ މައްސަލާގައި ހަސަން ސައީދަށް އިއްވި ޖަލު ހުކުމް ތަންފީޒު ކުރުމަށްފަހު އޭނާ ވަނީ 2018ވަނަ އަހަރު މިނިވަންވެސް ވެފައެވެ.

ނަމަވެސް ހަސަން ސައީދު ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހައިކޯޓުން މިހާތަނަށް އޮންލައިންކޮށް ބޭއްވި ފުރަތަމަ އަޑުއެހުމުގައި ބަލާފައިވަނީ ހަސަން ސައީދުގެ މައްސަލައެވެ. އެ މައްސަލަ ހައިކޯޓުން ވަނީ ޔޫޓިއުބު މެދުވެރިކޮށް ލައިވް ވެސް ކޮށްފައެވެ.

ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ހަސަން ސައީދުގެ މައްޗަށް އިއްވި ޖަލު ހުކުމް ބާތިލް ކުރީ ފުލުހުން ހަސަން ސައީދުގެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ބަޔާނެއް ނެރެފައިވީ ނަމަވެސް އެ ބަޔާނުގައި ހަސަން ސައީދު ހޯދަމުން އަންނަކަން ބުނެފައިވާ ކަމަށް ބުނެއެވެ. އަދި އެ މައްސަލާގައި ހަސަންގެ މައްޗަށް ތަހުގީގު ހިންގައި، ދައުވާ އުފުލީ އާންމުކޮށް އަމަލުކުރާ އުސޫލުގެ ތެރެއިން ކަން ދައުލަތަށް ސާފުކޮށް ނުދެވޭ ކަމަށް ހުކުމްގައިވެއެވެ.

ހަސަން ސައީދާއި ދެކޮޅަށް ސިއްރު ހެކިބަސް ނެގިއިރު ހެކިބަސް ނެގި މީހުންގެ އަދުލުވެރިކަމާއި މެދު ސުވާލު އުފެދޭ ކަމަށްވެސް ހުކުމްގައިވެއެވެ. އަދި ހަސަން ސައީދުގެ ފަރާތުން ހުށަހެޅި ދިފާއީ ހެކިންގެ ހެކިބަސް ނުނަގަން ނިންމީ ވެސް އެކަށީގެންވާ ސަބަބެއް ނެތި ކަމަށްވެސް ހައިކޯޓުގެ ހުކުމްގައި ބުންޏެވެ.

ހަސަން ސައީދުގެ މައްޗަށް ރިޝްވަތުގެ ދައުވާއެއްވެސް ކުރިއެވެ. ނަމަވެސް ފަހުން ކްރިމިނަލް ކޯޓުން އެ ދައުވާ ބާތިލްކުރިއެވެ.

Leave a Reply

Your email address will not be published. Required fields are marked *