އަމާޒުވި ފާޑުކިޔުންތަކަށް ސުލައިމާންގެ ރައްދު، ހަވާލުވެފައިވާ މަސްއޫލިއްޔަތު އަދާކުރަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސް ސުލައިމާން: ފޮޓޯ / ސަން

ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އަމާޒުވެގެން ދިޔަ ފާޑު ކިޔުންތަކަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން ރައްދު ދެއްވައިފިއެވެ.

ކޮވިޑް-19 ފެތުރެން ފެށި ފަހުން، މިނިވަން މުއައްސަސާތަކުން މަސައްކަތްކޮށްފައިވާ ގޮތުގެ ރިޕޯޓް މަޖިލީހަށް ހުށަހަޅުއްވަމުން މިދިޔަ މަހުގެ 30ވަނަ ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި އެ ކޮމެޓީގެ މުގައްރިރު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ އެ ކޮމެޓީން އެދުނު މައުލޫމާތު މިހާތަނަށް ވެސް އެންއައިސީ އިން ނުފޮނުވާ ކަމަށެވެ. އަދި އެންއައިސީގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އެފަދައިން ވިދާޅުވުމުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހަށް ދޭންޖެހޭ މައުލޫމާތު ނުދިނުމަކީ އެ ކޮމިޝަނުގެ އިތުބާރާއި މެދު ސުވާލު އުފެދޭ ކަމެއް ކަމަށެވެ.

“އިއްޒަތްތެރި މުގައްރިރު ފާހަގަކުރައްވައިފި ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މި މަޖިލީހުން އެދުނު މައުލޫމާތު ނުދެއްވާ ވާހަކަ. އެއީ އަޅުގަނޑަށް ފެންނަ ފެނުމުގައި ވަރަށް ދެރަ ކަމެއް. އެ ކޮމިޝަނުގެ އިތުބާރާއި ގުޅޭ ގޮތުން ސުވާލު އުފެދޭ ކަމެއް.” ނަޝީދު ވިދާޅުވިއެވެ.

މީގެއިތުރުން މިނިވަން މުއައްސަސާތަކުގެ ކޮމެޓީގެ ރިޕޯޓަށް ބަހުސް ކުރައްވަމުން ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ވިދާޅުވީ އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނޭއިރު އެކަންކަން ރަނގަޅަށް ކުރާތަން ނުފެންނަ ކަމަށެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސުލައިމާން ހުށަހަޅާ ކޮންމެ މައްސަލައަކީ ބެލޭނެ މައްސަލައެއް ނޫން ކަމަށެވެ. އަދި މިހާތަނަށްވެސް ގިނަ މައްސަލަތަކެއް ޕްރޮސިކިއުޓަރު ޖެނެރަލް އަށް ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް އެތަނުން ދައުވާ ކުރާނީ އެ އިދާރާ އަށް ފެންނަ މައްސަލަތައް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޖިނާއީ މައްސަލައިގައި އޮންނާނީ ޝައްކެއް ނެތް މިންވަރަށް ސާބިތު ކުރަން، އެހެން ނޫން ކަމަށް ވާނަމަ ހުށައެޅިއަސް އެ ދައުވާއެއް ކުރުމަށް ޕީޖީ ފަހަރެއްގައި އިންކާރު ކޮށްފާނެ، އެހެންވީމާ ހަގީގަތުގައި އެ މިންވަރަށް ސާބިތު ނުވާހާ ހިނދަކު އަޅުގަނޑުމެންނަށް ދައުވާ ކުރުމަށްޓަކައި ޖިނާއީ މައްސަލައެއް ގޮތަށް ހުށައެއްނޭޅޭނެ،" އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ސުލައިމާން ވިދާޅުވިއެވެ.

ސުލައިމާން ވަނީ އެންއައިސީ އަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ވެސް ފާހަގަކުރައްވާފައެވެ. މައްސަލަ ހުށައަޅާ ފަރާތްތަކާ ފަހުން ކޮންޓެކްޓް ކުރަން އުނދަގޫވުމާއި، ދަތުރުތައް ކުރުމަށްދާ ޚަރަދުގެ އިތުރުން، އެންއައިސީގެ ދައުރު އަދާ ކުރުމުގައި ދިމާވާ މުވައްޒަފުންގެ ދަތިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެންއައިސީގެ މަސައްކަތްތަކާއި ގުޅިގެން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވެސް ވަނީ އެ ކޮމިޝަނަށް ފާޑު ވިދާޅުވެފައެވެ. އިމްރާން ވިދާޅުވީ ފުލުހުންގެ މުއައްސަސާއާ ޖަލުތަކުގައި ނުހަމައިން ކަންކަން ނުހިނގާނެ ގޮތަށް ސިޔާސަތުތައް އެކުލަވާލުމަކީ ހޯމް މިނިސްޓްރީން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެހެންނަމަވެސް ވަކިވަކި ފުލުހުންނަށް ފިޔަވަޅު އެޅުމަކީ ގާނޫނީ ގޮތުން ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކުރަން ލާޒިމް ކަމެއް ކަމަށް އިމްރާން ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *