ޓެކްސީ ޑްރައިވަރުންނާއި ގުޅޭ ގޮތުން ޓްރާންސްޕޯޓުން ކޮމެޓީގައި ދޮގު ހެދި ކަމަށް ބުނެފި

މާލޭގެ ރިންގް ރޯޑުގައި ޓެކްސީތަކެއް ދުއްވާފައި ދަނީ: ފޮޓޯ / މިހާރު

ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގައި ޓެކްސީ ޑްރައިވަރުންނާއި ގުޅޭ ގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިން ހެދީ ދޮގު ކަމަށް ޓްރާންސްޕޯޓް ވޯކާސް ޔޫނިއަން އޮފް މޯލްޑިވްސް (ޓީޑަބްލިއުޔޫ) އިން ބުނެފިއެވެ.

އެ ކޮމެޓީގެ ބައްދަލުވުމުގައި ޓްރާންސްޕޯޓު މިނިސްޓްރީގެ ޑިރެކްޓަރު ޖެނެރަލް އަލީ ޒުބައިރު ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކާއި ބައްދަލުކުރެއްވި ކަމަށް ވިދާޅުވިއެވެ. އަދި ޓެކްސީ ޑްރައިވަރުންނަށް މިހާލަތުގައި ދިމާވާ ދަތިތައް އޮޅުން ފިލުވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެ ބައްދަލުވުމުގައި ސަރުކާރުން އިއުލާން ކޮށްފައިވާ ރިލީފް ޕެކޭޖުގައި ބައިވެރިވުމުގެ ހިޔާލެއް ނެތް ކަމަށް ޓެކްސީ ޑްރައިވަރުން ބުނި ކަމަށް ޒުބައިރު ވިދާޅުވިއެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުންގެ ރައްކާތެރިކަމަށްޓަކައި މާސްކު ފަދަ ތަކެތި ލިބޭނެ ގޮތް ހަދައި ދިނުމަށް އެދުމުން އެކަން ހަމަޖައްސައި ދީފައިވާ ކަމަށް ޒުބައިރު ވިދާޅުވިއެވެ.

ނަމަވެސް ޒުބައިރުގެ ވާހަކަތައް ވަނީ އެ ޔޫނިއަން އިން ދޮގުކޮށްފައެވެ. ބުނީ މިހާތަނަށް ޓްރާންސްޕޯޓުގެ އިސްވެރިންނާއި އެކުގައި ކޮންމެ ބައްދަލުވުމެއްގައި ވެސް ރިލީފް ލޯނަށް ޓެކްސީ ޑްރައިވަރުންނަށް ވެސް ފުރުސަތު ހޯދައި ދިނުމަށް އެދިފައިވާނެ ކަމަށެވެ. މީގެއިތުރުން ޓްރާންސްޕޯޓު މިނިސްޓްރީން އެއްވެސް ޓެކްސީ ޑްރައިވަރަކަށް އަދި ސެންޓަރަކަށް ވެސް ރައްކާތެރިކަމުގެ ގޮތުން މާސްކެއް އަދި ސެނަޓައިޒާއެއް ދީފައި ނުވާ ކަމަށްވެސް އެ ޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ އެދުމުގެ މަތިން ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތައް ބައިވެރިގެން ބާއްވާފައި ވަނީ އެންމެ ބައްދަލުވުމެއް ކަމަށާއި ޓްރާންސްޕޯޓުން އެދިގެން ބޭއްވި ބައްދަލުވުމުގައި އެ މިނިސްޓްރީން އެދުނު ކަންކަމަށް ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށްވެސް އެ ޔޫނިއަންގެ ބަޔާނުގައިވެއެވެ.

ޓްރާންސްޕޯޓުން އެދިގެން ބޭއްވި ބައްދަލުވުމުގައިވެސް އެ މިނިސްޓްރީން އެދިފައިވަނީ ކަރަންޓީނުން ނިމިގެން އަންނަ މީހުން ގޮވައިގެން ދަތުރު ކުރުމަށް ބައެއް ޑްރައިވަރުން ޖެހިލުންވާތީ އެކަމަށް ހައްލެއް ގެނެސް ދިނުމަށް ކަމަށާއި އެކަމަށް ޓެކްސީ ސެންޓަރުތަކުންނާއި ޑްރައިވަރުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދީފައިވާނެ ކަމަށްވެސް ބަޔާނުގައިވެއެވެ.

އެ ޔޫނިއަން އިން ބުނީ ރަމަޟާން މަސް ކައިރިވަމުން ދިއުމާއެކު ޑްރައިވަރުންގެ އާމްދަނީ ހުއްޓިފައި ވުމުން ރިލީފް ލޯން ޕެކޭޖް ޓެކްސީ ޑްރައިވަރުންނަށް ވެސް ނެގޭ ގޮތަށް ހެދުމަށް އެދުނު ކަމަށެވެ. ނަމަވެސް ޓެކްސީ ޑްރައިވަރުން ރިލީފް ލޯނަށް ޝަރުތު ހަމަނުވާ ކަމަށާއި ބީއެމްއެލް އިން ދޫކުރާ ލޯނަކަށްވެސް ޝަރުތު ހަމަނުވާ ކަމަށް ޓްރާންސްޕޯޓުން ބުނި ކަމަށް ބަޔާނުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *