މަދު ބައެއްގެ މައްޗަށް ގިނަ ބަޔަކު ގަދަވުމަކީ ޖާހިލިއްޔަ ޒަމާން އިޔާދަވުން: މެމްބަރު ނަސީމް

ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް މަޖިލިސް ޖަލްސާއެއްގައި ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް
މަދު ބައެއްގެ މައްޗަށް ގިނަ ބަޔަކު ގަދަވުމަކީ ޖާހިލިއްޔަ ޒަމާން އިޔާދަވުން ކަމަށް ވިދާޅުވެ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ކަންކަން ހިނގައިދިޔަ ގޮތް ރަނގަޅު ނޫން ކަމަށް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް ވިދާޅުވެއްޖެއެވެ.

މިނިވަން މެންބަރެއްގެ ގޮތުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި ނަސީމް މިފަދައިން ވިދާޅުވީ ރައްޔިތުން މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތައް ފުލުހުން ބަލާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވުމުން އެމްޑީޕީ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހޯމް މިނިސްޓަރަށް ފާޑު ވިދާޅުމުންނެވެ.

މެންބަރު ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބައި މަދު މީހުންގެ މައްޗަށް ބައި ގިނަ މީހުން އުސޫލުން ކަންކޮށް އަނިޔާވެރިވުމަކީ ޖާހިލިއްޔަ ޒަމާނުގެ އުސުލުތައް އަލުން އިޔާދަވުން ފެށުން ކަމަށެވެ. އަދި ވިދާޅުވީ ހަގީގީ އިންސާފަކީ އެންމެނަށްވެސް އިންސާފު ލިބުން ކަމަށެވެ.

މަޖިލީހުގެ އެރޭގެ ޖަލްސާގައި ހިނގާދިޔަ ކަންކަމާއި ގުޅިގެން އިތުރަށް ނަސީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތުން އަމަލުކުރި ގޮތަށް މުސްތަގުބަލުގައި އަމަލުކުރަން ފަށައިފި ނަމަ މަޖިލީހަކީ މާރާމާރީ ހިންގާ މީހުން މަރާނެ ތަނަކަށް ވެގެން ހިނގައިދާނެ ކަމަށެވެ.

އެފަދަ ހާލަތްތަކުގައި [މެންބަރުންގެ ނަން އިއްވަން ޖެހޭ ހާލަތްތަކުގައި] އަމަލުކުރާނެ ގޮތް މަޖިލީހުގެ ގަވާއިދުގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށް ވެސް މެންބަރު ނަސީމް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހަމަނުޖެހުން ހިނގަން މެދުވެރީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވި ހިސާބުންނެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. ޝިޔާމް މަޖިލީހުން ނުނިކުތުމުން އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް ގަދަކަމުން އަތްލާ ހަމަނުޖެހުން ހިންގާފައެވެ. މިކަމުގެ ސަބަބުން ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް މީގެކުރިން ވަނީ ބުނެފައެވެ. އަދި މިއަދު ޝިޔާމް ވަނީ އޭނާ އިތުރު ފަރުވާ އަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް ވިދާޅުވެފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

މި މައްސަލާގައި ރައްޔިތުން މަޖިލީހުގެ ރައީސާއި މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނަށް އަންނަނީ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.