މިނިސްޓަރު އައިޝާ ސޯޝަލް މީޑީއާ އަށް ފޮޓޯލާން ފަށައިފި!؟

ޓެކްސީ ޑްރައިވަރުންނާއި މިނިސްޓަރު އައިޝާ އޮންލައިންކޮށް ބައްދަލުކުރައްވަނީ ---

މަސައްކަތް ކުރާތަން ނުފެންނަނީ ސޯޝަލް މީޑިއާ އަށް ފޮޓޯ ނުލާތީ ކަމަށާއި ނަމަވެސް މީގެފަހުން ކުރާ މަސައްކަތްތަކުގެ ފޮޓޯ އާއްމު ކުރައްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވުމަށްފަހު މިނިސްޓަރުގެ ހައިސިއްޔަތުން ކުރައްވާ މަސައްކަތްތަކުގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ދޫކުރައްވަން ފައްޓަވައިފިއެވެ.

މިނިސްޓަރު އައިޝާ ކުރައްވަމުން ގެންދަވާ މަސައްކަތް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ ޓްވީޓު ކޮށްފައެވެ. އެގޮތުން މިނިސްޓަރު ނަހުލާ ވަނީ ޓެކްސީ ޑްރައިވަރުންނާއި އޮންލައިންކޮށް ބައްދަލުކުރައްވާފައެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ގްރޭޓަރ މާލޭ ސަރަޙައްދަށް ހުއްދަ ދީފައިވާ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކުގެ އިސް ވެރިންނާއި މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ މިރޭ ބައްދަލުކުރައްވާފައިވާ ކަމަށް ބުނެފައެވެ.

އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ ޓެކްސީ ސެންޓަރުތަކާއި ޕިކަޕް ސެންޓަރުތަކަށް މިދުވަސްވަރު ދިމާވެފައިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭ ގޮތުން ކަމަށްވެސް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެއެވެ.

ކޮވިޑް19އާއެކު މިނިސްޓްރީތަކުން ކުރަމުންދާ މަސައްކަތްތައް ސާފުކުރުމަށް މަޖިލީހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ރޭ އޮންލައިންކޮށް ޓްރާންސްޕޯޓު މިނިސްޓްރީގެ އިސްވެރިންނާ މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމިޓީން ބައްދަލުކުރެއްވިއިރު އެ ކޮމެޓީގައި މިނިސްޓަރު އައިޝާ ވަނީ މެންބަރުންގެ ގިނަ ސުވާލުތަކަކަށް ޖަވާބު ދެއްވާފައެވެ. އެގޮތުން މެންބަރުންގެ ބޮޑު ކަންބޮޑުވުމަކީ ކޮވިޑް19އާއެކު މިނިސްޓްރީގެ މަސައްކަތައް މަޑުޖެހިފައިވުމެވެ. ނަމަވެސް މިނިސްޓަރު އައިޝާ ވިދާޅުވީ ކޮވިޑް19އާ ދެކޮޅަށް އިސްސަފުގައި މަސައްކަތް ކުރުމަށް ރައީސް އޮފީހުން ނެގި ޓާސްކްފޯސްގައި އޭނާ ހިމެނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޓާސްކްފޯސްގައި ހިމެނޭ އެހެން މިނިސްޓަރުންނާ ގުޅިގެން ކުރަން ޖެހޭ ކަންކަން ޓްރާންސްޕޯޓް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

އެރޭގެ ބައްދަލުވުމުގައި ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ވިދާޅުވީ، ރަށްރަށަށް ދިމާވެފައިވާ މައްސަލަތައް ހޯދުމަށް ކައުންސިލަރުންނަށް މިނިސްޓަރާ ބައްދަލު ނުކުރެވޭ ކަމުގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. ސިރާޖަށް ޖަވާބު ދެއްވާ އައިޝާ ވިދާޅުވީ ކައުންސިލަރުންނާވެސް މީގެ ކުރިން ބައްދަލު ކުރަމުން އައި ކަމަށާއި އެ ބައްދަލުވުންތަކުގެ ފޮޓޯތައް މީސް މީޑިއާއަށް ނުލުމުން އެއީ ހިނގާ ކަމެއްގެ ގޮތުގައި ނުބެލެވެނީ ކަމަށެވެ.

"އެޕޮއިންޓްމަންޓްސް ހުންނަ ގޮތުން އެ ބޭފުޅުން އެދިވަޑައިގަންނަވާ ދުވަހު ބައްދަލުނުވެ ހިނގައިދާނެ. އެކަމަކު ވެސް ހަމަ ފަހުން ވަގުތު ދީގެން، އަޅުގަނޑަށް ވީ ވަރަކުން ހުރިހާ ބޭފުޅުންނާ ވެސްް ބައްދަލުކޮށްފައި ވާނީ. އަޅުގަނޑަށް ހުރިހާ މީޓިންތަކުގެ ފޮޓޯ ނުނެގުނީމާ ވީގޮތް ކަންނޭނގެމިއީ. ކުރިއަށް އޮތް ތާނގައި އަޅުގަނޑު އެ ފޮޓޯތައް ނަގާފައި މީޓީންތަކުގެ އަޕްޑޭޓްސް ތިޔަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާ ގޮތަށް އަޕްލޯޑް ކުރައްވަމުން ގެންދަވާނަން،" އައިޝާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ގިނަ ބަޔަކު މިނިސްޓަރު އައިޝާ އަށް ފާޑުވެސް ވިދާޅުވިއެވެ. މިނިސްޓަރު އައިޝާ ވިދާޅުވީ ގުޅިގެން ގޭގައިވެސް ހުއްޓުމެއްނެތި މިނިސްޓްރީގެ އިސްވެރިން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އެ މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ސިވިލް އޭވިއޭޝަން އޮތޯރިޓީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މަސައްކަތްތައްވެސް ހުއްޓުމެއްނެތި ކުރިއަށްދާކަމަށް އައިޝާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *