ޕްރައިވެޓު ޖެޓު ޖެއްސޭ ފެންވަރަށް ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ޖާބިރު ނިންމައިފި

މަޖިލިސް ޖަލްސާއެއްގައި ޖާބިރު ވާހަކަދައްކަވަނީ: ފޮޓޯ / މަޖިލިސް

"ޖާބިރު އެއާޕޯޓު"ގެ ނަމުގައި ޕްރައިވެޓު ޖެއްސޭ ފެންވަރަށް ކާށިދޫގައި އެއާޕޯޓެއް އެޅުމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިންމަވައިފިއެވެ.

ޖާބިރު މިރޭ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އެއާޕޯޓު އަޅުއްވާނީ އަމިއްލަފުޅު ހަރަދުގައި ކަމަށެވެ. އަދި އެ ޕްރޮޖެކްޓަކީ އޭނާ މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ވެވަޑައިގެންނެވި ވަރަށް މުހިއްމު ވައުދެއް ކަމަށާއި އަދި އެއީ ކާށިދޫ ރައްޔިތުންވެސް ދެކެމުން އަންނަ ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ.

އެރަށުގައި އެއާޕޯޓެއް އެޅިގެން ދިއުމުގެ ރަށުގެ ތަރައްގީ މުޅިން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ކަމެއްކަން ފާހަގަކުރައްވާ ޖާބިރު ވިދާޅުވީ އެކަމާއި ގުޅިގެން ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމްއާ އަދި ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މަޝްރޫއު އަށް އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ވެސް ދެއްވާފައިވާ ކަމަށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރުގެ ބަޔާނުގައި ވިދާޅުވީ މަޝްރޫއުގެ ކޮންސަލްޓެންޓެއްގެ ގޮތުގައި ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އަހުމަދު މަހުރީން ހަމަޖައްސާފައިވާ ކަމަށެވެ. ކާށިދޫގެ ލޭންޑް ޔޫސް ޕްލޭނުގައި އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވާ ބިން އޭނާ އާއި ހަވާލުކޮށް ރުއްގަހުގެ ބަދަލުގެ ކަންކަން ހަމަޖެއްސުމަށް ކާށިދޫ ކައުންސިލުގައި އެދިފައިވާނެ ކަމަށްވެސް ޖާބިރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ޖާބިރު އަމިއްލަފުޅު ހަރަދުގައި ކާށިދޫގައި އެއާޕޯޓެއް ތަރައްގީ ކުރައްވަން ނިންމެވިއިރު ޖާބިރު ވަނީ ހަ ލައްކަ ޑޮލަކަށް ހެލިކޮޕްޓަރެއް ވެސް ބައްލަވައިގެންފައެވެ. ޖާބިރު ބައްލަވައިގެންފައިވާ ހެލިކޮޕްޓަރު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރާއްޖެ ގެނައުމުގެ ހުއްދަ ދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވަނީ ރޭ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީގައި ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.