އެމެރިކާއާއި ތާލިބާނުން ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

ތާލިބާނުންގެ ލީޑަރު މައުލަވީ ހިބަތުﷲ އަޚުންޒާދާ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

ކާބުލް (19 ޖަނަވަރީ 2020) : އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށްޓަކައި އެމެރިކާއާއިއެކު ސުލްހައިގެ އެއްބަސްވުމުގައި ދާދިއަވަހަށް ސޮއިކުރެވޭނެ ކަމަށް ތާލިބާން ޖަމާއަތުން ބުނެފިއެވެ.

ތާލިބާނުންގެ ތަރްޖަމާނު ސުހައިލް ޝާހީން ބުނީ ސުލްހައިގެ އެމެރިކާއާއެކު އެއްބަސްވުމުގައި ސޮއިކުރެވުމުން އަސްކަރީ ހަރަކާތްތައް މަޑުޖައްސާލާނެ ކަމުގައެވެ. ނަމަވެސް ހަނގުރާމަ ހުއްޓުމަކަށް އަންނާނެކަން ޝާހީން ކަށަވަރުކޮށެއް ނުދެއެވެ. ތަލިބާނުންނާއެކު އެމެރިކާއިން ގަތަރުގައި ސުލްޙައިގެ ވާހަކަތައް ކުރިޔަށްގެންދާތާ ދެ އަހަރެއްހާ ދުވަސްވެފައިވާއިރު އެއްބަސްވުމަކާ ހަމައަށް ދިޔުމަށް އެދެފަރާތުންވެސް ޝަރުތުތަކެއް ކުރިމަތިކުރެއެވެ. ތާލިބާނުން ކުރިމަތިކުރާ ޝަރުތަކީ އެމެރިކާ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ބޭލުމެވެ. އެމެރިކާގެ ޝަރުތަކީ ހަނގުރާމަ ހުއްޓާލުމާއި އެހެން ފަރާތަކަށް އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރްސަތު ތާލިބާނުންގެ ފަރާތުން ނުދިނުމެވެ.

ތާލިބާނުންވަނީ އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން އަސްކަރީ ހަރަކާތްތައް ހިންގުމުގެ ފުރްސަތު ނުދިނުމަށް އެއްބަސްވެފައެވެ. ނަމަވެސް އެމެރިކާ ސިފައިން އެއްކޮށް އަފްޣާނިސްތާނުން ނުބާލާނަމަ ހަނގުރާމަ ހުއްޓުމަށް ގެންނާނެކަމުގެ ޔަގީންކަން ދިނުމަށް ތާލިބާނުން ދެކޮޅު ހަދައެވެ. މީގެއިތުރުން އަފްޣާނިސްތާނަށް ސުލްޙަ ގެނައުމަށްޓަކައި އަފްޣާން ސަރުކާރާ ސީދާގޮތެއްގައި ވާހަކަ ދެއްކުމަށްވެސް އެމެރިކާއިން ތާލިބާނުންނަށް ޝަރުތު ކުރިނަމަވެސް އެކަން ތާލިބާނުން ގަބޫލެއް ނުކުރެއެވެ. އަދި އަފްޣާން ހަނގުރާމައިގެ ހަމަލާތައް ބަދަލު ކުރުން ހުއްޓާލުމާބެހޭ އެއްބަސްވުމެއް އަދި އެކުލަވާލެވިފައި ނުވާކަންވެސް ތާލިބާނުންގެ ތަރްޖަމާން ޝާހީން ވަނީ ފާހަގަކޮށްފައެވެ.

ޝާހީން ބުނީ އެމެރިކާއާއިއެކު ސުލްހައިގެ އެއްބަސްވުމުގައި މި ޖަނަވަރީ މަސް ނިމުމުގެ ކުރިން ސޮއިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތްކަމުގައެވެ. އެމެރިކާއާއިއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއިކުރިނަމަވެސް އަފްޣާން ހަނގުރާމައިގެ ހަމަލާތައް ހުއްޓާލުމާބެހޭ އެއްބަސްވުމެއް އެކުލަވާލެވިފައި ނުވާކަމަށާ އެކަމުގައި ތާލިބާނުންނާއި އެމެރިކާގެ ޚިޔާލު ތަފާތުވެފައިވާކަން ޝާހީން ފާހަގަކުރިއެވެ.

އަފްޣާން ސަރުކާރުންވަނީ ސުލްހައިގެ އެއްބަސްވުމާބެހޭގޮތުން ތާލިބާންގެ ތަރްޖަމާންގެ ދެއްކި ވާހަކަތަކާބެހޭ މައުލޫމާތެއް ލިބިފައިނުވާކަމަށް ބުނެފައެވެ. އަފްޣާން ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ތޯލިބާނުން ގަބޫލެއްނުކުރެއެވެ. ތާލިބާންގެ ތަރްޖަމާންގެ ވާހަކަތަކާބެހޭގޮތުން އެމެރިކާވެސް އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.

އެމެރިކާއިން ތާލިބާނުންނާ ސުލްޙައިގެ ވާހަކަތައް ފެށީ ތާލިބާނުން އަސްކަރީ ގޮތުން ބަލުކުރުމަށްޓަކައި އެމެރިކާއިން 18 އަހަރުވަންދެން އަފްޣާނިސްތާނުގައި ހަނގުރާމަކޮށްގެންވެސް ތާލިބާނުން ބަލިނުކުރެވި އެމެރިކާ ހާސިލްކުރަން ބޭނުންވި މަގްސަދުތައް ހާސިލްނުވެ ހަނގުރާމައިގެ ޚަރަދުތައް އެމެރިކާއަށް ކެތްވާވަރަށްވުރެ ބޮޑުވުމުގެ ސަބަބުންނެވެ. (ނޫސްއެޖެންސީތައް)

ހިޔާލު ދެއްވާ!

Your email address will not be published.