މާލެއިން ރަށްރަށަށް ދާން ބޭނުންވާ މީހުން 24 ދުވަހުގެ ހޯމް ކަރަންޓީން ކުރަނީ

ކޮވިޑް19އަށް ޝައްކުކުރެވޭ މީހަކު ރާއްޖެއިން ފެނިއްޖެ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ޑްރިލްއެއް މާލޭގައި ކުރިއަށް ގެންދިއުން: ފޮޓޯ / ސަން

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާއިރު އެނބުރި ރަށަށް ދިއުމަށް ބޭނުންވާ މީހުން ރަށަށް ގޯސް 24 ދުވަހުގެ ހޯމް ކަރަންޓީނެއްގައި ތިބެންޖެހޭ ގޮތަށް ރަށްރަށުގައި ކަރަންޓީނު ކުރުމާ ބެހޭ އުސޫލެއް ނެރެ އަމަލު ކުރަން ފަށައިފިއެވެ.

އެ އުސޫލުގައިވާ ގޮތުން ރަށްރަށަށް ދާން ބޭނުންވާ މީހުން ކައުންސިލްތަކުގައި ރަޖިސްޓްރީ ކުރެވެން ޖެހެއެވެ. އަދި ކައުންސިލުން އެމީހަކު ކަރަންޓީންވާ ގެއަކީ ހޯމް ކަރަންޓީންގެ އުސޫލުތަކަށް ފެތޭ ތަނެއްތޯ ބަލަންވެސް ޖެހެއެވެ.

އެހެންކަމުން އެކަންކަން ބެލުމަށްފަހު ކައުންސިލުން އެކަމުގެ ލިސްޓެއް ލޯކަލް ގަވަރުމަންޓު އޮތޯރިޓީ އަށް ފޮނުވަން ޖެހޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. ރަށްރަށަށް ދާ މީހުން އެރަށަކަށް ގެންދާނީ ސަރުކާރުގެ ހަރަދުގައި ކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. ނަމަވެސް ރަށްރަށަށް ފޮނުވާނީ ކޮވިޑް19 ގެ އެއްވެސް އަލާމާތެއް އެމީހެއްގެ ކިބައިގައި ނެތް މީހުންނެވެ.

ރަށްރަށަށް ދާ މީހުން ކަރަންޓީންވާ ގެއަކީ އުމުރުން 60 އަހަރުން މަތީގެ މީހެއް މާބަނޑު މީހެއް ނުވަތަ ނޭވާ ހިއްލާ މީހަކު ނުވަތަ ކިޑްނީގެ ބައްޔަކަށް ބޭސް ކުރާ މީހަކަށް ވެގެން ނުވާނެއެވެ.

ރާއްޖެއިން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 1883 އަށް އަރާފައެވެ. އަދި ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ. އަދި މިބަލީގައި 8 މީހަކު ވަނީ މަރުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *