ޝިޔާމްގެ ހިތްވަރަކަށް ބަދަލެއް ނާދެ، ވިދާޅުވީ ކުރިޔަށްވުރެ ވަރުގަދަ ރޫހެއްގައި ނިކުންނަވާނެ ކަމަށް

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް

ރައްޔިތުން މަޖިލީހުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އެންމެ ބޮޑަށް އަނިޔާވި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަށް ލިބިވަޑައިގެންފައިވާ އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށްފަހު ކުރިޔަށްވުރެ ވަރުގަދަ ރޫހެއްގައި ނިކުންނަވާނެ ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

މިކަމުގެ ސަބަބުން ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް މީގެކުރިން ވަނީ ބުނެފައެވެ.

ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

އެރޭގެ ޖަލްސާގައި ކަންކަން ހިނގާދިޔަ ގޮތް ހިއްސާ ކުރައްވާ ޝިޔާމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެންމެ ފުރަތަމަ ކަމަކަށް މަޖިލީހުގެ ރިޔާސަތުން އޭނާގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދުގައި މެންބަރުންގެ ނަން އިއްވުމަށް ބަޔާންކޮށްފައިވާ އިޖުރާއަތްތަކާއި މުޅިން ހިލާފަށް ކަމަށެވެ. އަދި އޭނާގެ މަޖިލީހުގެ ތަޅުމުން ނެރުމަށް އެމްޑީޕީގެ މެންބަރުންނަށް "އަމުރު" ކުރެއްވީ ވެސް މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ޝިޔާމް ވިދާޅުވީ އޭނާ މަޖިލީހުގެ ތަޅުމުން ބޭރު ކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެންބަރުންނަށް އެންގެވީ މަޖިލީހުގެ ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ކަމަށެވެ. އަދި އެއީ ކަނޑައެޅިގެން މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރައީސް އެންގެވި އެންގުވުމެއްކަން ފާހަގަކުރައްވާ ޝިޔާމް ވިދާޅުވީ މަޖިލީހުގެ ރައީސްގެ އެ އެންގެވުމުގެ ސަބަބުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ގައިޑްލައިންތަކާއި އުސޫލުތަކާއި ވެސް މުޅިން ހިލާފަށް އޭނާ މަޖިލީހުން ނެރުމަށް ކަމަށް ބުނެ ގިނަގުނަ އަނިޔާތަކެއް އޭނާ އަށް ދީފައިވާ ކަމަށެވެ.

ޝިޔާމް ވިދާޅުވީ އެމްޑީޕީގެ މެންބަރުން އެރޭ ހިންގާފައި ވަނީ ޖިނާއީ އަމަލެއް ކަމަށާއި އެކަން ފުލުހުންގެ މުއައްސަސާއަށް ހުށަހެޅުމުން އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އުއްމީދު ކުރަނީ އިންސާފުވެރިކަމާއި އެކު ވަކި އަތަކަށް ނުޖެހި އެ މައްސަލަ ތަހުގީގު ކުރެވިގެން ދިއުން ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވަނީ މި ހާލަތުގައި އޭނާއަށާއި އޭނާގެ އާއިލާ އަށް ހިތްވަރު ދެއްވާ ހާލު ބެލި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދަކުރައްވާފައެވެ. ވަކިން ހާއްސަކޮށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ މަޖިލިސް މެންބަރުންނާއި މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޝިޔާމްގެ ބަޔާނުގައި އޭނާއަށް ލިބިގެން ދިޔަ އަނިޔާތަކަށް އިތުރު ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމުގެ އިޝާރާތެއް ވަނީ ކުރައްވާފައެވެ. އެހެންކަމުން އެކަމުގެ މަސައްކަތްތައް ވެސް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

"މާތްﷲ ގެ ވާގިފުޅާއިއެކު ތިޔަ އެންމެ ބޭފުޅުންގެ ލޯތްބާއި ހެޔޮއެދުމާއިއެކު އަޅުގަނޑަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ލިބި އިރާދަކުރެއްވިއްޔާ ކުރިޔަށްވުރެ ވަރުގަދަ ރޫހެއްގައި އަޅުގަނޑު އެނބުރި އަންނާނަމެވެ،" ޝިޔާމް ވިދާޅުވިއެވެ.

ހިޔާލު ދެއްވާ!

Your email address will not be published.