ޓްރަމްޕްގެ އިމްޕީޗްމަންޓް: ދައުވާތަކަށް ދިފާއުން ރައްދު ދީފި

ވޮޝިންގްޓަން (ޖެނުއަރީ 19) އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިމްޕީޗްކުރުމަށް އިދިކޮޅުން އިސްވެ ހުށަހަޅާފައިވާ ދައުވާތަކަކީ ޑިމޮކްރަސީއަށް ދެވޭ ނުރައްކާތެރި ހަމަލާއެއްގެ ގޮތުގައި އެމަނިކުފާނުގެ ގާނޫނީ ވަކީލުންގެ ޓީމުން ސިފަކޮށްފި އެވެ.

ޓްރަމްޕް އިމްޕީޗުކުރަން އެގައުމުގެ ހައުސް އޮފް ރެޕްރެޒެންޓަޓިވްސް ނޫނީ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެއިން މިދިޔަ މަހު ފާސްކޮށްފައިވާއިރު، ސެނެޓުގައި އަންނަ ހަފްތާގައި ފެށުމަށް ހަމަޖެހިފައިވާ ޝަރީއަތަށް ދިފާއުން ހުށަހެޅި ލިޔުމުގައި ބުނެފައިވަނީ، އިދިކޮޅުން އުފުލާފައިވާ ދައުވާތަކަކީ އަންނަ އަހަރުގެ ރިޔާސީ ިއންތިހާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކޮށްފައިވާ ދައުވާތަކެއް ކަމަށެވެ.

އިދިކޮޅު ޑިމޮކްރެޓުގެ މެޖޯރިޓީ އޮންނަ ހައުސްއިން ޓްރަމްޕާ ދެކޮޅަށް ފާސްކޮށްފައިވަނީ މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ އިތުރުން ކޮންގްރެސްގެ މަސައްކަތަށް ހުރަސްއެޅުމުގެ މައްސަލައެކެވެ.

އެއީ ޔޫކްރެއިންގެ ރައީސަށް ޕްރެޝަރުކޮށްގެން އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯސެފް ބައިޑަންގެ ތަހުގީގެއް އެ ގައުމުން ހިންގާކަން އިއުލާންކުރަން އުޅުއްވުމާއި، ކޮންގްރެސް އިން ފާސްކޮށް ޔުކްރެއިންއަށް ދޭން ޖެހޭ ގާތްގަނޑަކަށް 400 މިލިއަން ޑޮލަރުގެ އަސްކަރީ އެހީ ހިފެހެއްޓެވުމުގެ ވަކި ދެ މައްސަލަ އެވެ.

ޔުކްރެއިން ލައްވާ ބައިޑަންގެ ތަހުގީގު ހިންގަން އުޅުއްވީ، އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކަމަށް ހައުސްގެ ޖުޑިޝަރީ ކޮމިޓީން ވަނީ ނިންމައިފަ އެވެ.

މިއީ އެމެރިކާގެ ތާރީހުގައި ރައީސަކު އިމްޕީޗުކުރަން ހައުސްއިން ފާސްކުރި ތިންވަނަ ފަހަރެވެ. ނަމަވެސް، މިހާތަނަށް އިމްޕީޗްކުރި ދެ ރައީސުން ކަމަށް ވާ އެންޑްރޫ ޖޯންސަން އާއި ބިލް ކްލިންޓަން ވެސް ސެނެޓް ނުވަތަ މަތިގޭގެ ޝަރީއަތުން ވަނީ ސަލާމަތްވެފަ އެވެ.

އިދިކޮޅު ޑިމޮކްޜެޓުން ސެނެޓުގެ ޝަރީއަތަށް ހުށަހެޅި ކަރުދާހުގައި ބުނީ ގާނޫނުތައް ނެގެހެއްޓުމަށް ޓްރަމްޕް ވަނީ އެމަނިކުފާނު ކުރެއްވި ހުވަޔާ ހިލާފުވެ، ރައްޔިތުން ކުރި އިތުބާރު ގެއްލުވާލައްވާފައި ކަމަށެވެ. އެހެންކަމުން ވަގުތުން ވަގުތަށް ރައީސްކަމުން ޓްރަމްޕް ދުރުކުރަންޖެހޭކަމަށް ޑިމޮކްޜެޓުން އެ ކަރުދާހުގައި ވަނީ ތަކުރާރުކޮށްފަ އެވެ.

ހައުސްގައި ރައީސަކު އިމްޕީޗުކުރަން ސިމްޕަލް މެޖޯރިޓީއަކުން ފުދުނު ނަމަވެސް، ސެނެޓްގައި ނަގާ ވޯޓުން ރައީސް ޓްރަމްޕް މަގާމުން ދުރުކުރެވޭނީ ތިން ބައި ކުޅަ ދެ ބައި ވޯޓު ލިބިގެންނެވެ.

އެހެންކަމުން، ރައީސްގެ މަގާމުން ޓްރަމްޕް ދުރުކުރުމަކީ އޭނާ ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ މެޖޯރިޓީ މެމްބަރުން ކޮންޓްރޯލްކުރާ ސެނެޓުގެ ތެރެއިން ވުން ދުރު ކަމެއްކަމުގައި މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ދަނީ ބުނަމުންނެވެ. ސެނެޓްގައި ޑިމޮކްޓެރިކް ޕާޓީއަށް ނިސްބަތްވާ 45 މެމްބަރުން ތިއްބެވިއިރު، ޓްރަމްޕް މަގާމުން ދުރުކުރަން މަދުވެގެން 67 ވޯޓު ބޭނުންވެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *