ނަޝީދު ޝިދާތާއަށް: އަދާލަތަށް އަޅުގަނޑު ފުރައިދިން ފޯމު މަދެއް ނުވާނެ

ރައީސް ނަޝީދު (ކ) އަދި ޝިދާތާ ޝަރީފު

ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީއަށް ފާޑުވިދާޅުވެ، ކުރީގެ ޖެންޑާ މިނިސްޓަރު އަދި އަދާލަތު ޕާޓީގެ އިސް މަގާމެއް ފުރުއްވަމުން ގެންދަވާ ޝިދާތާ ޝަރީފް ވާހަކަފުޅު ދެއްކެވުމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަނާއަށް ރައްދު ދެއްވައިފިއެވެ.

"ވެރިކަމަށް އަންނަން ވޯޓުކޮޅު ހަމަކޮށްދެނީ އަދާލަތުން" ކަމަށް ޝިދާތާ ވިދާޅުވުމުން، އެކަމަނާ ޓެގު ކުރައްވައި މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީއަށް އެމަނިކުފާނު ފުރައިދިން ފޯމު މަދެއް ނުވާނެ ކަމަށާއި އަދާލަތު ޕާޓީގެ މުސްތަޝާރަށް އެކަން އެނގިވަޑައިގަންނަވާނެ ކަމަށެވެ.

މަޖިލީހުގައި ހިނގި ހަމަނުޖެހުންތައް ބައްލަވާނެ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވި ހިސާބުން އެމްޑީޕީ އާއި އަދާލަތާ ދެމެދު ވަނީ ބަހުގެ ހަމަލާތަކެއް ރައްދު ކުރަން ފަށާފައެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވީ އަދާލަތަކީ އެމްޑީޕީގެ ކޯލިޝަން ޕާޓީއެއްގެ ގޮތުގައި ދެކޭނަމަ، އެމްޑީޕީގެ ޗެއާޕާސަން ކަންކަމާ އެއްޗެއް ވިދާޅުވީމަ އެ ދެއްކެވި ވާހަކައެއް އަޑު އައްސަވާލެއްވުން ބުއްދިވެރިވާނެ ކަމަށެވެ.

އެމްޑީޕީގެ ޗެއާޕަސަން ހަސަން ލަތީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލީހުގެ ނިޒާމަށް ހުރަސް އަޅައި، މަޖިލީހުގެ އިމްތިޔާޒުތަކުގެ ތެރެއަށް އަރައިގަތުމުގެ ވިސްނުން ޝެއިހް އިމްރާން އަބްދުﷲ ހުރެގެން ނުވާނެ ކަމަށެވެ. އަދި އަދާލަތު ޕާޓީއަށް މަޖިލީހުގައި އެންމެ ގޮނޑިއެއް ވެސް ކާމިޔާބު ކުރެވިފައި ނުވާ ކަމަށް ވިދާޅުވެ، އެ ޕާޓީއަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވެސް ވަނީ ނުސީދާކޮށް، އަދާލަތަށް ފާޑުވިދާޅުވެފައެވެ. އޭނާ ވިދާޅުވީ އެމްޑީޕީއާ އަމާޒުކޮށް އެއްޗެއް ބުނާއިރު ހަ ފަހަރަށް ވިސްނަންވާނެ ކަމަށެވެ.

 

 

ހިޔާލު ދެއްވާ!

Your email address will not be published.