ފްލެޓްތައް އަންނަ މަހު ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެނުނީ އޮޅުމަކުން: މިނިސްޓްރީ

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ ސަން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ “ހިޔާ މަޝްރޫއު”ގެ ފްލެޓްތައް އަންނަ މަހު ފަހުކޮޅު ހަވާލުކުރެވެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ އަށް މަޖިލީހުގެ ކޮމެޓީއެއްގައި ވިދާޅުވެވުނީ އޮޅުމަކުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނީ އިއްޔެ ރައްޔިތުން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީގައި ވާހަކަދައްކަވަމުން ކޮމެޓީގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން، 7000 ފްލެޓް އަންނަ މަސް ތެރޭގައި ހަވާލު ކުރެވޭ ވަރު ވާނެ ކަމަށް ވިދާޅުވެވިފައިވީ ނަމަވެސް، އެކަމަނާ އަށް އެފަދައިން ވިދާޅުވެވުނީ އޮޅުމަކުން ކަމަށެވެ.

މީގެ ކުރިން ފައިނަލް ލިސްޓް އާންމުކުރަން ބުނި ތާރީހުގައި އެކަން ކުރެވިފައި ނުވާ ކަމަށާއި، ގޭގެއަށް ގޮސް ހަދަން ޖެހޭ އެސެސްމަންތްތައްވެސް ނިންމިފައި ނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.

މިހާރު ނިންމާފައި އޮތީ، ކޮވިޑާ ގުޅިގެން އޮތް ލޮކްޑައުންގެ މުއްދަތު ނިމުމާއެކު ގޭގެއަށް ގޮސް ހަދަން ޖެހޭ އެސެސްމަންޓުތައް ފަށާ، ނިންމުމަށް ފަހު ލިސްޓު އިއުލާނު ކުރާ ގޮތަށް ކަމަށެވެ.

ކޮމެޓީގައި އެކަމަނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުންގެ އެސަސްމަންޓް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ގެތަކަށް ޒިޔާރަތްކޮށް، ދިރިއުޅުމުގެ ހާލަތު ބެލުމަށް ހަދާ އެސަސްމަންޓް ނިމެން ދެ ހަފްތާއަކަށްވެފައި ވަނިކޮށް ކޮވިޑް19އާ ގުޅިގެން މަސައްކަތް މެދުކެނޑިފައިވާ ކަމަށާއި ސަރުކާރު ހުޅުވުމާ އެކު އެ މަސައްކަތް އަލުން ފަށައިގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އެ މައުލޫމާތުތައް ކޮމެޓީއާ ހިއްސާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދާފައިވާ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއާ ހަވާލާ ދެއްވައެވެ.

“އެސަސްމަންޓެއް ނުނިމޭ. އެސެސްމަންޓް ނިމެން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފަ އޮއްވާ ބަންދުވެގެން އައީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ހުޅުވޭތާ ދެ ހަފްތާ ތެރޭގައި އެސަސްމެންޓް ނިމި، ލިސްޓު އިއުލާން ކުރެވޭވަރު ވާނެ ކަމަށް،” މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައި ހުރިތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ވަނީ 25 ބުރީގެ 16 ޓަވަރު ހުޅުމާލޭގައި އިމާރާތްކޮށްފައެވެ. އެ ޓަވަރުތަކުން 6،860 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *