ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖާބިރު ހެލިކޮޕްޓަރު ގެނައުމަށް ހުއްދަ ދޭނަން: މިނިސްޓަރު ނަހުލާ

ޖާބިރު ބައްލަވައިގެން ހެލިކޮޕްޓަރު --

ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ބައްލަވައިގެންފައިވާ ހެލިކޮޕްޓަރު ބަލަންޖެހޭ ބެލުންތައް ބެލުމަށްފަހު ރާއްޖެ ގެނައުމުގެ ހުއްދަ ދެއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް މިނިސްޓަރު ނަހުލާ ހާޒިރު ކުރީ ޖާބިރު އެ ކޮމިޓީގައި ނަހުލާ ހާޒިރުކޮށްދެއްވުމަށް އެދުމުންނެވެ.

އޮންލައިންކޮށް ބޭއްވި އެ ބައްދަލުވުމުގައި ޖާބިރު ވިދާޅުވީ އެމަނިކުފާނު ރާއްޖެއަށް ހެލިކޮޕްޓަރު ގެންނާނެ ކަމަށެވެ. އަދި ޓްރާންސްޕޯޓު މިނިސްޓްރީން ދޭންޖެހޭ ހުއްދަތައް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ އެ ހެލިކޮޕްޓަރު ރާއްޖެ ގެނައުމުން ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށް އޮންނަ އުސޫލުގެ ތެރެއިން ހުއްދަ ލިބިގެންދާނެ ކަމަށެވެ.

"ފޮލޯ ކުރަން ޖެހޭ ޕްރޮސެސްތައް ފޮލޯކޮށްފައި ހަމަ އެދޭން ޖެހޭ ހުއްދަތައް އަޅުގަނޑުމެން ދިނުމުގައި އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އަރުވަން." ނަހުލާ ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޖާބިރު ހެލިކޮޕްޓަރު ބައްލަވާ ގަތީ 6 ލައްކަ ޑޮލަރަށެވެ. އެ ހެލިކޮޕްޓަރުގައި ހިމެނެނީ ޖުމްލަ 6 މީހުންގެ ޖާގައެވެ. އެއީ ކުރީ ދެ ސީޓާއި، ފަހަތު ހަތަރު ސީޓެވެ.

Leave a Reply

Your email address will not be published. Required fields are marked *