އިމްޕީޗްމަންޓް ދައުވާއަކީ ޑިމޮކްރަސީއަށް ނުރައްކަލެއް: ޓްރަމްޕްގެ ވަކީލުން

އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕް --

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކިކުރުމަށް އެގައުމުގެ ސެނެޓަށް ހުށަހަޅާފައިވާ ދައުވާގެ މައްސަލައަކީ ޑިމޮކްރަސީއަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ، ޓްރަމްޕްގެ ދިފާއުން ރައްދު ދީފި އެވެ.

ޓްރަމްޕް މަގާމުން އަޒުލުކުރުމަށްޓަކައި، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ މެޖޯރިޓީ އޮންނަ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި މައްސަލައިގެ ތަހުގީގެއް ހިންގި އެވެ. އަދި ހައުސްއިން އެ ތަހުގީގު ނިންމައި، ޓްރަމްޕް އަޒުލުކުރަން ފެންނަކަމަށް ފާސްކުރި އެވެ.

ދެން އެ މައްސަލާގައި އޮންނަ މަރުހަލާއަކީ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ނުވަތަ ސެނެޓުން ޝަރީއަތެއް ހިންގުމެވެ. އެ ކަން ކުރުމަށް ޓަކައި މިދިޔަ ހަފްތާގައި ތިރިގެއިން ވަނީ ސެނެޓަށް މައްސަލައިގެ ލިޔެކިޔުންތައް ވެސް ފޮނުވައިފަ އެވެ.

މައްސަލައިގެ ޝަރީއަތުގެ އަޑުއެހުންތައް މި ހަފްތާގައި ފަށާ އިރު، މައްސަލަ ޚުލާސާކުރަމުން ޑިމޮކްރެޓިކް ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ނެރުނު ފައިލިންގްއެއްގައި ބުނީ ޓްރަމްޕް މަގާމުން ވަކިކުރަންޖެހެނީ އެމެރިކާގެ ޑިމޮކްރަސީގެ އަސާސުތަކާއި އެމެރިކާގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރި ސީރިއަސް އަދި ބޮޑެތި ގެއްލުންތަކަކުން އެއްކިބާވުމަށް ކަމަށެވެ.

"އެމެރިކާގެ ރައީސާ ދެކޮޅަށް ހުށަހެޅި މައްސަލަ ވަރަށް ސާދާ. މީގައި ހުރި ހަގީގަތްތަކާއި ހެއްކާއި ގަރީނާއާ ދެކޮޅު ނުހެދޭނެ،" ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުން ނެރުނު 111 ސޮފްހާގެ ޚުލާސާގައި ބުންޏެވެ.

މި ބަޔާނަށް ރައްދު ދީ، ރައީސް ޓްރަމްޕްގެ ގާނޫނީ ވަކީލުންގެ ޓީމުން ލިޔުމުން ނެރުނު ބަޔާނެއްގައި ބުނީ ޑިމޮކްރަސީއާ ދެކޮޅަށް ދޭ ނުރައްކާތެރި ހަމަލާއަކީ އިމްޕީޗްމަންޓުގެ ދައުވާ ކަމަށެވެ.

ދިފާއުން ނެރުނު ޖަވާބުގައި ބުނީ އިމްޕީޗްމަންޓާ ގުޅޭ ލިޔެކިޔުންތަކުގައި ޓްރަމްޕް އެއްވެސް ޖިނާއީ ކުށެއް ކުރެއްވިކަން ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި މިއީ މި އަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވަން ކުރާ ވަރަށް ލަދުވެތި އަމަލެއްގެ ގޮތުގައި ދިފާއުން ސިފަކުރި އެވެ.

ޓްރަމްޕްގެ ލީގަލް ޓީމު ލީޑުކުރައްވަނީ ވައިޓްހައުސްގެ ކައުންސެލް ޕެޓް ޗިޕޮލޯނީއާއި ޓްރަމްޕްގެ ގާނޫނީ ވަކީލު ޖޭ ސެކުލޯ އެވެ. އެ ޓީމުން ނެރުނު ހަ ސޮފްހާގެ ބަޔާނުގައި ބުނީ އެ ޓީމުން ދުސްތޫރީ އަދި އިޖުރާއީ އަސާސުތަކުގެ މަތިން އިމްޕީޗްމަންޓް ދައުވާއަށް ޗެލެންޖުކުރާ ކަމަށެވެ. އަދި ރައީސް ޓްރަމްޕް ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނުވާކަމަށް ވެސް ބުންޏެވެ.

"މިއީ 2016 ގެ އިންތިހާބުގެ ނަތީޖާތައް ބަދަލުކުރުމަށާއި މީގެ މަސްތަކެއް ފަހުން އޮންނަ 2020 ވަނަ އަހަރުގެ އިންތިހާބަށް ނުފޫޒުފޯރުވަން ކުރާ ގާނޫނާ ހިލާފު، ލަދުވެތި ކަމެއް،" ޓްރަމްޕްގެ ވަކީލުން ބުންޏެވެ.

ޓްރަމްޕް އިމްޕީޗުކުރުމަށް ފޮނުވި ދައުވާގައި ދެ މައްސަލައެއް ހިމެނެ އެވެ. އެއް ކަމަކީ އެމެރިކާގެ ދާޚިލީ ސިޔާސީ ކަންކަމަށް ނުފޫޒު ފޯރާފަދަ ކަމެއް ކުރެއްވިމަށް ޔޫކްރޭނުގެ ރައީސް ވްލަޑިމީރު ޒެލެންކީގެ އަރިހުން ޓްރަމްޕް އެދިވަޑައިގެންނެވި މައްސަލައެކެވެ. އަދި ދެ ވަނަ މައްސަލައަކީ ޓްރަމްޕްއާ ދެކޮޅަށް އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސަބް ކޮމިޓީތަކުން ކުރި ތަހުގީގުތަކަށް ޓްރަމަޕް ހުރަސް އެޅުއްވި މައްސަލައެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.