ބޮޑު ހިޔާނާތާއި ގުޅިގެން އެންމެ އަވަހަށް ދެން ދައުވާކުރާނެ ފަރާތްތައް ކަނޑައަޅައިފި

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސޯލިހާއި ސަލާމް ކުރައްވަނީ ---

ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގައިދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ދެން އެންމެ އަވަހަށް ދައުވާ ކުރާނީ ކޮން ބަޔަކަށްކަން މިހާރު ކަނޑައަޅާފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލާގައި ފުލުހުން މިހާރު ކޮށްފައިވާ މަސައްކަތް ގެންދެވިފައިވާ ހިސާބުން މުޅި އެ މައްސަލާގައި އެކި ގޮތް ގޮތުން ޝާމިލުވެ ބައިވެރިވެފައި ތިބި އަދަދު ވަރަށް ބޮޑަށް ސާފު ކުރެވިފައިވާ ކަމަށެވެ.

އެ މައްސަލަ އިތުރަށް ކުރިޔަށް ގެންދިއުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދާފައިވާ އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާއި އަދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ)އާ ހުރިހާ ފަރާތްތައް ގުޅިގެން އެކުގައި މަސައްކަތް ކުރާނެ އޮނިގަނޑެއް އެކުލަވާލެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ކޮވިޑް19 ގެ ސަބަބުން ފިޒިކަލީ އެއްތަނަކަށް އެއްވެ މަސައްކަތް ކުރުން ދަތިވެފައި އޮތް ދުވަސްވަރުގައިވެސް ވާޗުއަލީ އެބޭފުޅުން މީޓިންތައް ބާއްވަވައިގެން އެކަންކަން ފައިނަލް ކުރައްވާ ތަހުގީގުތައް ފުރިހަމަ ކުރައްވާ ހޯއްދަވަން ޖެހޭ މައުލޫމާތުތައް އިތުރަށް ހޯއްދަވާ އަދި ބައެއް ފަހަރަށް ބޭރުގެ ފަރާތްތަކުންވެސް ހޯދަން ޖެހޭ މައުލޫމާތުތައް އެއް ކުރައްވާ ޖަމާ ކުރެވިފައި އެބަހުރި،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

މި މައްސަލާގައި 260އަށްވުރެ ގިނަ ފަރާތް އެކި ގޮތް ގޮތުން ޝާމިލުވާ ކަމަށާއި ނަމަވެސް އެ ހުރިހާ ފަރާތްތަކަށް އެއް ފަހަރާ އަދި އެއްވަރަށް ދައުވާ ކުރުމަކީ ކުރެވޭނެ ވަރުގެ ކަމެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށް އިމްރާން ވިދާޅުވިއެވެ. އެހެންކަމުން އެކަމުގައި ހަމަޖެހޭ އުސޫލަކުން ތަރުތީބު ކުރެވިގެން އެންމެ އިސްކަން ދޭންޖެހޭ ފަރާތްތައް ތަރުތީބު ކުރެވޭނެ ގޮތެއް ބަލައިގެން ވަރަށް ހަރުދަނާ އުސޫލެއް އެކުލަވާލައިފައިވާނެ ކަމަށް އިމްރާން ވިދާޅުވިއެވެ.

"އެހެންވީމަ އެ އުސޫލުގެ ތެރެއިން ތަރުތީބު ކުރެވިގެން އެންމެ އަވަހަށް ދައުވާ ކުރަންޖެހޭ ފަރާތްތައް ކަނޑައެޅި އެފަރާތްތަކަށް ދައުވާ ކުރުމުގެ ކަންކަން މިހާރު ދަނީ ތައްޔާރު ކުރެވެމުން، އަޅުގަނޑު ހިތުން ކޮވިޑް19 ގެ މި ދަތިކަމުން އަރައިގަނެ އޯޕަންވުމުގެ މަރުހަލާ ފެށިގެން ދާއިރުގައި މިކަންކަން ކޯޓުތަކާއިއެކުގައި ވަރަށް އަވަހަށް ފެށިގެން ދާނެ،" އިމްރާން ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީ މައްސަލާގައި ޝާމިލުވާ ފަރާތްތަކަށް ދައުވާ ނުކުރެވި ލަސްވާ މައްސަލާގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މަޖިލިސް މެންބަރުން އަންނަނީ ކަންބޮޑުވުންފާޅު ކުރައްވަމުންނެވެ. މީގެއިތުރުން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވެސް ދާދިފަހުން ވަނީ އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ބެހެއްޓުމަކީ އިންސާފުވެރިކަމެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ވެރިކަމަށް އައުމަށްޓަކައި އެމްޑީޕީން އެންމެ ބޮޑަށް ވިއްކި އެއްޗަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތައް ބަލާ ތަހުގީގުކޮށް މީހުންނަށް އަދަބު ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“އަޅުގަނޑުމެން ބުނީ ކުރީގެ ސަރުކާރުގެ ވައްކަމުގެ މައްސަލަތައް ބަލާނެ ކަމަށް. އަދި އެކަން ކުރުމުގައި ފަސްޖެހެންވީ އެއްވެސް ސަބަބެއް ވެސް ނެތް،” ނަޝީދު ވިދާލުވިއެވެ.

ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދާފައިވާ ރިޔާސީ ކޮމިޝަންތައް ކުރަން ބުނި ކަންކަން ކުރަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.