ދެ ރައީސުން އެކުގައި ފެނުމުން އެމްޑީޕީ މެންބަރުންގެ ހިތްތަކަށް ތަސައްލީއެއް ލިބިއްޖެ!

ރައީސް ސޯލިހާއި ރައީސް ނަޝީދު މުލީއާގޭގައި ބައްދަލުކުރައްވަނީ --

ދެ ބޭފުޅުންނަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިންނެވެ. އެންމެ ގާތް ދެ ރަހުމަތްތެރިންނެވެ. ސިޔާސީ ކަންކަމުގައި ވެސް އަދި އަމިއްލަފުޅު ދިރިއުޅުމުގެ ކަންކަމުގައިވެސް ދެބޭފުޅުން އެކަކު އަނެކަކާ މަޝްވަރާ ކުރައްވައެވެ. މިހާރު މީގެތެރެއިން އެއް ބޭފުޅަކީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރެއްވި ބޭފުޅެކެވެ. މިހާރު އެމަނިކުފާނަކީ ރައްޔިތުން މަޖިލީހުގެ ރައީސެވެ. ދެން ހުންނެވީ މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއެވެ. ހުރިހާ ކަމެއްގައިވެސް އެކުގައި މަޝްވަރާ ކުރައްވައެވެ. ހައްލު ހޯދުމުގައި ދެބޭފުޅުން ވެސް އެކަކު އަނެކަކުގެ ހިޔާލު ހޯއްދަވައެވެ. އަބަދުވެސް ގޮތް ދޫކުރައްވަން ޖެހޭ ތަންތަނުގައި ގޮތް ދޫކުރައްވައެވެ. އެކަމުގެ މިސާލަކީ މިއަދު ރާއްޖޭގެ ރައީސް އަކަށް އިބްރާހީމް މުހައްމަދު ސޯލިހު ހުންނެވުމެވެ.

ކޮންމެއަކަސް ވެރިކަމަށް އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. ރައްޔިތުން މަޖިލިސް ފެނިގެން ދަނީ މިފަހުގެ ތާރީހެއްގައި އެންމެ ހަރަކާތްތެރި މަޖިލީހަށެވެ. ހުކުރެއް ހޮނިހިރެއް އީދެއް ވަޅު އީދެއް ނެތެވެ. ދައުލަތް ހިންގުމަށްޓަކައި ހަދަން ޖެހޭ ގާނޫނުތަކާއި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގައި މަޖިލިސް އަންނަނީ ވަރަށް "އެކްޓިވް" ކޮށް މަސައްކަތް ކުރަމުންނެވެ.

ދެ ރައީސުންނާ މަގުމަތިން މިއަދު ބައްދަލުވި މީހުންގެ ތެރޭގައި ރޯމަސް ޑެލިވަރީ ކުރާ މީހުން ހިމެނޭ

ބައެއް ފަހަރު މަޖިލިސް ތެރޭގައި އިންނަވައިގެން ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވާ ބައެއް ވާހަކަފުޅުތަކުން މީޑިއާތަކަށް ތިލަވެގެން އަންނަ ހެޑްލައިންތަކާއި އެކު ރައީސް ނަޝީދާއި ރައީސް ސޯލިހާއި ދެބޭފުޅުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމާއި ސަރުކާރުގެ ތެރޭގައި ދެ ފެކްޝަނެއް އުޅޭ ކަމުގެ ވާހަކަތަކެއް އަޑުއިވިގެން ދެއެވެ. ދާދިފަހުން ވެސް އެފަދަ ވާހަކަތަކެއް އަޑު އިވިގެން ހިނގަޖެއެވެ.

ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހެޅީ ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމަށެވެ. ނަމަވެސް އެކަމުގައި އެމްޑީޕީގެ މަޖިލިސް މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދިގެން ދިޔައެވެ. އަދި އެކަމުގެ ސަބަބުން މެންބަރަކު އަމިއްލަފުޅަށް ބިލެއް ހުށަހަޅުއްވާ ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ހުށަހެޅިއެވެ. އެންމެ ފަހުން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ސަރުކާރުން ހުށަހެޅުއްވި ބިލު "ޕާކު" ކޮށްލާ މި ދެންނެވި ބިލުގެ މަސައްކަތް ބާރު ސްޕީޑުގައި ފެއްޓެވިއެވެ.

ދެ ރައީސުން މުލީއާގެ ކުރިމަތީގައި ފޮޓޯއަކަށް ހުއްޓިލައިގެން --

އެހާ ހިސާބުން ބައެއް ފަރާތްތަކުން ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅޭ ކަމަށް ބުނާ ވާހަކައަށް ބާރެއް ލިބިގެން ދިޔައެވެ. އަދި އެމްޑީޕީގެ ބައެއް މެންބަރުން ގާނޫނުއަސާސީ އަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހު ފާސް ކުރުމަށް ވާހަކަ ދެއްކެވިއިރު ބައެއް މެންބަރުން ގާނޫނުއަސާސީ އިސްލާހު ކުރުމާއި ދެކޮޅަށް ވާހަކަ ދެއްކެވުމުން ހަގީގަތުގައިވެސް އެޕާޓީގެ ތެރޭގައި، "ރައީސް ނަޝީދުގެ ފެކްޝަނަކާއި" ރައީސް ސޯލިހުގެ ފެކްޝަނެއް" އުފެދިފައިވާ ކަމަށް ގިނަ ރައްޔިތުންނަށް ގަބޫލު ކުރެވުނެވެ. އަދި އެމްޑީޕީގެ އާއްމު ބައެއް މެންބަރުންގެ ހިތްތަކަށް އެކަމުގެ ސަބަބުން ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ.

ނަމަވެސް އެކަމުން ހައްލެއް ނާންނާނެ ކަމާއި އެއީ ގާނޫނުތަކާއި މުޅި ހިލާފަށް ކުރެވިގެންދާ ކަމެއް ކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު ލަފާ ދެއްވިއެވެ. އެހިސާބުން މި ދެންނެވި ބިލުގެ މަސައްކަތް ކޮމެޓީ އަށް ހަވާލު ކުރުމަށްފަހު ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލުގެ މަސައްކަތް ފެއްޓެވިއެވެ. އަދި ގާނޫނުއަސާސީ އިސްލާހުކޮށް ރައީސް ސޯލިހު މިހާރު ވަނީ އެ ބިލު ތަސްދީގު ކުރައްވާފައެވެ.

އޭގެ ދެތިން ދުވަސް ފަހުން އެމްޑީޕީގެ މެންބަރުންނަށް ފެނިގެން ދިޔައީ ދެ ރައީސުން އެއްތަންވި މަންޒަރެވެ. ކުޑައިރުގެ ގާތް ދެ އެކުވެރިން ސައްލާ ކުރައްވަން ތިއްބެވި މަންޒަރެވެ. އެ މަންޒަރު ފެނި އެންމެ ހިތްޕުޅު ހަމަޖެހިގެން ދިޔަ އެއް ބޭފުޅަކަށް މަޖިލީހުގެ ސުޕަ މެޖޯރިޓީގެ ޒިންމާ ކޮނޑު އަޅުއްވައިގެން ހުންނެވި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. ވިދާޅުވީ ދެބޭފުޅުން އެކުގައި ފެނިގެން ދިއުމަކީ ލިބިގެން ދިޔަ އުފަލެއް ކަމަށެވެ.

މީގެއިތުރުންވެސް އެމްޑީޕީގެ ސޯޝަލް މީޑިއާގެ ބައެއް އެކްޓިވްސްޓުން ވެސް ވަނީ ދެ ރައީސުން އެކުގައި ހޭދަ ކުރެއްވި ވަގުތުތަކުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. ބައެއް މީހުން އެ ފޮޓޯތައް ޕޯސްޓު ކުރައްވާ އެއީ ހިތަށް ހަމަޖެހުން ގެނެސް ދޭ މަންޒަރެއް ކަމަށް ބުނެފައިވެއެވެ.

އެ ބައްދަލުވުމާއި ގުޅިގެން ރައީސް ސޯލިހު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ ބައްދަލު ކުރައްވައި މަޝްވަރާތަކެއް ކޮށްފައިވާ ކަމަށެވެ.

އެގޮތުން، ތަރައްގީ ގެނައުމުގައި އިސްކަން ދޭނެ ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި ކަން ރައީސް ސޯލިހު ވަނީ ފާހަގަކުރައްވައިފަ އެވެ. އެކަމުގައި ރައްޔިތުންގެ މަޖިލީހަކީ މުހިންމު ބައިވެރިއެއް ކަމަށް ވެސް ރައީސް ސޯލިހުގެ ޓުވީޓްގައި ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ދިވެހި ރައްޔިތުންނަށް ޓަކައި އެކުގައި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކޮންމެއަކަސް އިއްޔެ އާންމު ކުރި ފޮޓޯތަކާ އެކު އެ ދެބޭފުޅުންގެ ގުޅުމަށް ބަދަލެއް ނާންނަކަން ސާބިތުކޮށްދެއެވެ.

 

ހިޔާލު ދެއްވާ!

Your email address will not be published.