މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ހަމަނުޖެހުން ފުލުހުން ބަލާނެ، ފިޔަވަޅުވެސް އަޅާނެ: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަދި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު --

މިދިޔަ ހޯމަ ދުވަހުގެ ރޭ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލީހުގެ ތަޅުމުން ނިކުމެވަޑައިގަތުމަށް އެންގުމުން ހިނގާދިޔަ ހަމަނުޖެހުންތައް ފުލުހުން ބަލަމުން އަންނަ ކަމަށާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅުތައް ވެސް ފުލުހުން އަޅަމުން ގެންދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"ގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ އެ މައްސަލަ ފުލުހުންނާއި ހިސާބަށް މިހާރު ވަނީ އައިސްފައި ކަމަށެވެ. އެހެންކަމުން އިންސާފުވެރި ކަމާއިއެކުގައި އެ މައްސަލަ ބަލާ އެކަމުގައި އަޅަންޖެހޭ ގާނޫނީ ފިޔަވަޅުތައް އެޅުމަކީ ފުލުހުންގެ މައްޗަށް ގާނޫނުން އޮތް ޒިންމާއެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އެހެންކަމުން އިންސާފުވެރިކަމުގައި އެ މައްސަލަތައް ބަލާ ތަހުގީގު ކުރެވި އޭގައި ލިބިދޭންޖެހޭ ހައްގު ކޮންމެ ފަރާތަކަށްވެސް ލިބިދިނުމަށް މަސައްކަތް ކުރުން އެއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިކުރާ މަސައްކަތް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އިންސާފުވެރިކަމާއި އެކުގައި އެ މައްސަލަތައް ބެލި ހުރިހާ ފަރާތްތަކަށް އިންސާފު ލިބުމަށް ފުލުހުންގެ ފަރާތުން ކޮށްދެން ޖެހޭ މަސައްކަތް އަޅުގަނޑުމެން ކުރަމުން ގެންދާނަން،" ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

ރޭ މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ---

މި ސަރުކާރުން އެންމެ މުހިއްމު ކަމެއް ދީފައި ވަނީ ދައުލަތުގެ މުއައްސަސާތައް މިނިވަން ކަމާއިއެކު ހިނގުމުން ދިއުމުގެ ތެރެއަށް ސަރުކާރުން ނުވަނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ވަކިން ހާއްސަކޮށް ސަލާމަތީ ހިދުމަތް ދޭ މުއައްސަސާތަކުން ކުރާ މަސައްކަތުގެ ތެރެއަށް ސަރުކާރުން ނުވަންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެގޮތުން ފުލުހުން ކަމަށްވިއަސް ސިފައިން ކަމަށްވިއަސް އެ މުއައްސަސާތަކުގެ ތެރޭގައި ހިނގަމުން އަންނަ ކަންކަމުގެ ތެރެއަށް އަޅުގަނޑުމެން ވަންނަން ނުޖެހޭނެ ގޮތަކަށް ގާނޫނީ އިމުން ބޭރުން ނުވަނުން އެއީ ވަރަށް ބޮޑަށް ސަމާލުވެ ތިބި ކަމެއް،" އިމްރާން ވިދާޅުވިއެވެ.

މަޖިލިސް ތެރޭގައި ހިނގާދިޔަ ކަންކަން ބަލާ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިއިރު ފުލުހުން ވެސް ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެކަމުގައި ބަލަންޖެހޭ ބެލުންތައް ފުލުހުން ބަލަމުން ގެންދާ ކަމަށް ބުނެފައެވެ.

މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމަށް ވަނީ އަނިޔާތަކެއް ވެސް ލިބިފައެވެ.

ޝިޔާމް އަށް ރޭ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ ---

ޝިޔާމް އަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ޕީޕީއެމް އިން ބުނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި ރޭ ޑޮކްޓަރަށް ދެއްކުމަށްފަހު އިތުރަށް ރިއްސާތީ މިއަދުވެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަތަރު ހަފްތާ އަށް ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ހޯމަ ދުވަހުގެ ރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *