ކޮމެޓީތަކުން މައްސަލަތަކަށް އިސްކަން ދޭ ތަރުތީބު ފޮނުވަން ނަޝީދު އެދިއްޖެ

ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާއި އެކު މަޖިލިސް ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ ކޮމެޓީތަކުން ދިރާސާ ކުރަމުން އަންނަ މައްސަލަތަކުގައި އިސްކަން ދޭ ތަރުތީބު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފޮނުވުމަށް އެދިވަޑައިގެންފިއެވެ.

މަޖިލީހުގެ އިދާރާގައި ކޮމެޓީތަކުގެ މުގައްރިރުންނާއި އެކު މިއަދު ހެނދުނު މަޖިލީހުގެ އިދާރާގައި ބައްދަލުކުރައްވާ ރައީސް ނަޝީދު ވަނީ މީގެފަހުން ކޮމެޓީތަކުން މައްސަލަތަކަށް އިސްކަން ދޭ ތަރުތީބު އެމަނިކުފާނުގެ އިތުރުން މަޖިލީހުގެ އަމީން އާއްމު އަށް ފޮނުވުމަށް އެދިވަޑައިގެންފައެވެ.

ރައީސް ނަޝީދު މިފަދައިން އެދިވަޑައިގެންފައި މިވަނީ މަޖިލިސް މެންބަރުންގެ ކަންބޮޑުވުންތަކެއް ބައެއް މައްސަލަތަކާއި ގުޅިގެން އުފެދިފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ރާއްޖޭގައި މިފަހުގެ ތާރީހެއްގައި ހިނގާދިޔަ އެންމެ ބޮޑު ހިޔާނާތް އެމްއެމްޕީއާރްސީގެ ހިޔާނާތާއި ގުޅިގެން މާލިއްޔަތު ކޮމެޓީން އެ މައްސަލަ ބެލުމުގައި ލަސްތަކެއް ގެންގުޅޭ ކަމަށް ބައެއް މެންބަރުން އަންނަނީ ވިދާޅުވަމުންނެވެ.

މީގެއިތުރުން މިނިވަން މުއައްސަސާތަކުން ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ބައެއް މެންބަރުން އަންނަނީ މިނިވަން މުއައްސަސާތަކުގެ ވެރިން މަގާމުން ވަކިކޮށް އެ މަގާމުތަކަށް މުޅިން އާ މެންބަރުން އެ މަގާމުތަކަށް އައްޔަން ކުރުމަށް ގޮވާލައިފައެވެ. އަދި މިނިވަން މުއައްސަސާތަކާއި ބެހޭ މަޖިލީހުގެ ކޮމެޓީގައި އެފަދަ މުއައްސަސާތަކާއި ގުޅުންހުރި މައްސަލަތައް ލަސްވެފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ބައެއް މެންބަރުން އަންނަނީ ފާހަގަކުރައްވަމުންނެވެ.

މިއަދުގެ ބައްދަލުވުމުގައި މަޖިލިސް ރައީސް ވަނީ މީގެފަހުން މަޖިލީހުގެ ޖަލްސާތައް ވެސް ބާއްވަމުން އަންނަ އުސޫލުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެކުގައި މަޖިލީހުގެ އިދާރާގައި ކޮމެޓީތައް ބޭއްވުމަށް އެދިވަޑައިގެންފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.