ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު މީގެފަހުން ކޮމެޓީތައް ވެސް ކުރިޔަށް ދާނީ މަޖިލީހުގެ އިދާރާގައި

ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް

ކޮވިޑް19 ގެ ސަބަބުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތައް އޮންލައިންކޮށް ކުރިޔަށް ގެންދިޔަ ނަމަވެސް މީގެފަހުން މަޖިލީހުގެ ޖަލްސާތައް ކުރިޔަށް ގެންދާ ފަދައިން ކޮމެޓީތައް ވެސް ކުރިޔަށް ގެންދާނީ މަޖިލީހުގެ އިދާރާގައި ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ރައްޔިތުން މަޖިލީހުގެ އިދާރާގައި މަޖިލީހުގެ ކޮމެޓީތަކުގެ މުގައްރިރުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެގޮތުން މަޖިލިސް ރައީސް ވަނީ މިހާރު މަޖިލީހުގެ ޖަލްސާތައް ވެސް ކުރިޔަށް ގެންދާ ގޮތަށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން މަޖިލީހުގައި ކޮމެޓީތައް ވެސް ކުރިޔަށް ގެންދިއުމަށް ދަންނަވާފައެވެ.

ކޮމެޓީތަކުގެ މުގައްރިރުންނާއި އެކު މަޖިލިސް ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން: ފޮޓޯ / މަޖިލިސް

މިއަދު ރައްޔިތުން މަޖިލީހުގެ ސްޓޭޓް އޯން އެންޓަޕްރައިޒް (އެސްއޯއީ) ކޮމެޓީގައި ވާހަކަދައްކަވަމުން އެ ކޮމެޓީގެ މުގައްރިރު އިލިޔާސް ލަބީބު ވިދާޅުވީ އެ ކޮމެޓީގެ ވަރަށް ގިނަ މަސައްކަތްތައް އެބަހުރި ކަމަށެވެ. އެހެންކަމުން އެމަނިކުފާނުގެ ވިސްނުންފުޅު ހުރީ އަންނަ ހަފްތާއިން ފެށިގެން މަޖިލީހުގެ އިދާރާގައި ކޮމެޓީގެ މަސައްކަތްތައް ކުރިޔަށް ގެންދިއުން ކަމަށް އިލްޔާސް ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގައި މިއަދު މަޖިލިސް ރައީސް ކޮމެޓީތަކުގެ މުގައްރިރުންނާއި ބައްދަލުކުރެއްވިިއިރުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ އުސޫލުތަކާއި އެއްގޮތަށް ވަނީ އަމަލުކޮށްފައެވެ. އެގޮތުން ހުރިހާ ކޮމެޓީތަކުގެ މުގައްރިރުންވެސް ވަނީ މާސްކު އަޅުއްވާފައެވެ. އިދާރީ މުވައްޒަފުންނާއި މަޖިލިސް ރައީސްވެސް ހުންނެވީ މާސްކު އަޅުއްވައިގެންނެވެ. އަދި ހުރިހާ ބޭފުޅުންވެސް ތިއްބެވީ އިޖުތިމާއީ ގައިދުރުމިން ބަހައްޓައިގެންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.