ސައްލެގެ ސުވާލެއް މިނިސްޓަރު އާތިފާއަށް: ތިކަން ވާނެތޯ؟

ހައުސިން މިނިސްޓަރު އާތިފާ (ކ) އަދި ހޯރަފުށީ ދާއިރާގެ މެމްބަރު ސަލީމް.

ބޯހިޔާވަހިކަމާ ގުޅޭ ޕްރޮގްރާމްތައް ރާވައި ހިންގުމާއި، އެފަދަ ޕްރޮގްރާމްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް މިނިސްޓަރު އައިމިނަތު އާތިފާއަށް މަސްއޫލިއްޔަތު އަދާކުރެއްވޭތޯ ސުވާލު އުފައްދަވައި، ހޯރަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް (ސައްލެ) ނުސީދާކޮށް ފާޑުވިދާޅުވެއްޖެއެވެ.

ހައުސިން މިނިސްޓަރު އާތިފާއަށް ފާޑުވިދާޅުވެ، ސައްލެ ސުވާލުތައް އަމާޒު ކުރެއްވީ މިއަދު ބޭއްވި ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރު އާތިފާ ވެސް ބައިވެރިވެވަޑައިގެންނެވި އެ ކޮމެޓީ ބައްދަލުވުމުގައި ސައްލެ ވިދާޅުވީ ހައުސިން މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ ގޮތުން ކޮމެޓީއަށް ދީފައިވާ މައުލޫމާތުތަކުން ދޭހަވެގެން ދަނީ "ކުރި ނާރާކަހަލަ ގޮތަކަށް" ވާހަކަ ހުރިކަން ކަމަށެވެ.

"ސަރުކާރުގެ ވަރަށް ބޮޑު ވައުދެއް ތިޔަ މިނިސްޓްރީއާ ގުޅޭ ގޮތުން އައިސްފައި އޮންނަނީ. އެހެންނަމަވެސް މިނިސްޓަރުގެ އަދި މިނިސްޓްރީގެ އިސް ބޭފުޅުންގެ ވާހަކަތަކުން ވެސް ވަރަށް ޔަގީންކަން ކުޑަކޮށް، ކުރި ނާރާކަހަލަ ގޮތަކަށް އަޅުގަނޑަށް ދޭހަވެގެންދަނީ،" ސައްލެ ވިދާޅުވިއެވެ.

މިނިސްޓަރު އާތިފާއާ ސުވާލު ކުރެއްވުމަށް މެމްބަރުންނަށް ހުޅުވާލި ފުރުސަތުގައި، މިނިސްޓްރީގެ މަސައްކަތާ މެދު "ހިތްހަމަނުޖެހޭ" ކަން ފާހަގަ ކުރައްވައި، ސައްލެ ތިން ސުވާލެއް ކުރެއްވިއެވެ. ފުރަތަމަ ސުވާލުގައި ވިދާޅުވީ ބޯހިޔާވަހިކަމާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީން ކުރަމުންދާ މަސައްކަތަކީ ކޮބައިތޯއެވެ. ދެ ވަނަ ސުވާލުގައި ސައްލެ ވިދާޅުވީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ހުރި ދައްޗަކީ ކޮބައިތޯއެވެ. ތިން ވަނަ ސުވާލުގައި ވިދާޅުވީ "މިކަން ވާނެތޯ" އެވެ.

"މިކަން ވާނެތޯ؟" ކުރި ސުވާލަށް ޖަވާބު ނުދެއްވައި މިނިސްޓަރު އާތިފާ ވިދާޅުވީ ޕީއެސްއައިޕީ މަޝްރޫއުތަކުގައި ހިމެނޭ ބޯހިޔާވަހިކަމުގެ މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ. ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، "ފަހި ދިިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް"ގެ 5000 ހައުސިން ޔުނިޓުގެ މަސައްކަތުގައި މިނިސްޓްރީން ކުރަންޖެހޭ މަސައްކަތް ނިންމާފައިވާ ކަމަށް އާތިފާ ވިދާޅުވިއެވެ.

"ސަލީމަށް ވެސް އެނގިވަޑައިގަންނަވާނެ އޭގެ ފައިނޭންޝަލް ގެރެންޓީސްތައް ނެގުމުގަ ވަރަށް އުނދަގޫ ކަންތައްތަކެއް ދިމާވޭ. ގެރަންޓީ ހުށަނޭޅިގެން ދާ ދިއުމުގަ ލަސްތަކެއް މިއުޅެނީ،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

ހައުސިން މިނިސްޓްރީގެ މަސައްކަތާމެދު ސުވާލު އުފައްދައި ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވެސް އާތިފާއާ ސުވާލު ކުރެއްވިއެވެ.

ސުވާލުގައި ވިދާޅުވީ ރައްޔިތުންނަށް "އަތްލެވޭވަރުގެ" މަސައްކަތެއް މިނިސްޓްރީއަށް ކުރެވިއްޖެތޯއެވެ؟ މިނިސްޓްރީގެ ޕާފޯމަންސް ވަޒަންކުރާނަމަ ދޭނީ ކޮންއެއްޗެއްތޯއެވެ؟

ޖަވާބުގައި މިނިސްޓަރު އާތިފާ ވިދާޅުވީ މިނިސްޓްރީގެ މަަސައްކަތް "އެކްސަލެންޓް ނޫވިޔަސް ވެރީގުޑް" ކަމަށެވެ.

ކިޔުންތެރިންގެ ޚިޔާލުތައް:

ހިޔާލު ދެއްވާ!

Your email address will not be published.