ހިޔާ ފްލެޓުތައް އަންނަ މަހު ފަހުކޮޅު ހަވާލު ކުރަން ފަށާނެ: މިނިސްޓަރު

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޠުތައް-- ފޮޓޯ/ ސަން

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ "ހިޔާ މަޝްރޫއު"ގެ ފްލެޓްތައް އަންނަ މަހު ފަހުކޮޅު ހަވާލުކުރެވެން ފަށާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ހައުސިން މިނިސްޓަރު އާމިނަތު އާތިފާ ވިދާޅުވެއްޖެއެވެ.

ހިޔާ މަޝްރޫއުގެ ތަފްސީލުތައް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން އާންމުކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައި މިއަދު ބޭއްވި ބައްދަލުވުމުގައެވެ.

"އަޅުގަނޑު އެކްސްޕެކްޓް ކުރަން ހުޅުވިގެން އިރާދަ ކުރެއްވިއްޔާ މަސައްކަތް ފަށައިގަނެވިއްޖެއްޔާ ޖުލައި މަސް ނިމޭއިރު ހަވާލު ކުރެވޭނެ،" އޮންލައިންކޮށް ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ހައުސިން މިނިސްޓަރު ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ހިޔާ މަޝްރޫއުގެ ފްލެޓް ލިބުނު މީހުންގެ އެސަސްމަންޓް ނިމުމަކާ ގާތްވެފައިވާ ކަމަށެވެ. ގެތަކަށް ޒިޔާރަތްކޮށް، ދިރިއުޅުމުގެ ހާލަތު ބެލުމަށް ހަދާ އެސަސްމަންޓް ނިމެން ދެ ހަފްތާއަކަށްވެފައި ވަނިކޮށް ކޮވިޑް19އާ ގުޅިގެން މަސައްކަތް މެދުކެނޑިފައިވާ ކަމަށާއި ސަރުކާރު ހުޅުވުމާ އެކު އެ މަސައްކަތް އަލުން ފަށައިގަނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓެއްގެ ކޮޓަރިއެއް

މިނިސްޓަރު އެ މައުލޫމާތުތައް ކޮމެޓީއާ ހިއްސާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އުފައްދާފައިވާ ފްލެޓްތަކުގެ މައްސަލަބަލާ ކޮމިޓީއާ ހަވާލާ ދެއްވައެވެ.

"އެސަސްމަންޓެއް ނުނިމޭ. އެސެސްމަންޓް ނިމެން ގާތްގަނޑަކަށް ދެ ހަފްތާއަށް ވެފަ އޮއްވާ ބަންދުވެގެން އައީ. އެހެންވީމަ އަޅުގަނޑު ގަބޫލުކުރަނީ ހުޅުވޭތާ ދެ ހަފްތާ ތެރޭގައި އެސަސްމެންޓް ނިމި، ލިސްޓު އިއުލާން ކުރެވޭވަރު ވާނެ ކަމަށް،" މިނިސްޓަރު އާތިފާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ތެރޭގައި ގޯއްޗެއް ނުވަތަ އެއްމެދު އިމާރާތެއް ލިބިފައި ހުރިތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން މާލޭގައި ދިރިއުޅޭ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކުރީގެ ސަރުކާރުން ވަނީ 25 ބުރީގެ 16 ޓަވަރު ހުޅުމާލޭގައި އިމާރާތްކޮށްފައެވެ. އެ ޓަވަރުތަކުން 6،860 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.

ހިޔާ މަޝްރުއުގެ ދަށުން ދޫކުރާ ފްލެޓުތަކުގެ އެތެރެ

ކޮވިޑް19އާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ގެންދަނީ ވަޒީރުން ހާޒިރުކޮށް، ވުޒާރާތަކުގެ މަސައްކަތް ކުރިއަށްދާގޮތް ބަލަމުންނެވެ. މިހާތަނަށް އެ ކޮމެޓީން ވަނީ ހަތް މިނިސްޓްރީއަކާ ބައްދަލުކޮށް، މަސައްކަތުގެ ތަފްސީލު ހޯދާފައެވެ.

ހިޔާލު ދެއްވާ!

Your email address will not be published.