ފާޑު ކިޔައިގެން ވަޒީފާއިން ވަކިކުރި މައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި: ނިޒާރު

ރައީސް ސޯލިހު އަރިހުގައި ނިޒާރު --

ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ފާޑު ވިދާޅުވެގެން ހިތަދޫ ޕޯޓްސް ލިމިޓެޑުގެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު އިއްޔެ ވިދާޅުވެއްޖެއެވެ.

މަގާމުން ވަކިކޮށްފައިވަނީ ހިތަދޫ ޕޯޓް ލިމިޓެޑްގެ އެސިސްޓެން އޮޕަރޭޝަންސް އޮފިސަރުގެ މަގާމު އަދާކުރަމުން އައި މީހެކެވެ. އޭނާ ވަކިކޮށްފައިވަނީ، ރައީސުލް ޖުމުހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަބުރު ގެއްލޭ ގޮތަށް ސޯޝަލް މީޑިޔާގައި ވާހަކަ ދައްކާތީ ކަމަށް ވަކިކުރި ކަމުގެ ނޯޓިސްގައި ބަޔާންކޮށްފައިވެއެވެ.

މި މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. މި މައްސަލާގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ އެ މުވައްޒަފަށް އެގޮތަށް ޗިޓު ފޮނުވުނީ އޮޅުމަކުން ކަމަށެވެ. ނަމަވެސް އެކަމާއި ގުޅިގެން ގިނަބަޔަކު އެމްޕީއެލް އާއި ސަރުކާރަށް އަންނަނީ ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އަދި ވަކިން ހާއްސަކޮށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން އަންނަނީ އެ ނިންމުން އަލުން މުރާޖާ ކުރުމަށް ގޮވާލަމުންނެވެ.

އެކަމާއި ގުޅިގެން ނިޒާރު ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ދެން އޮންނަ ކައުންސިލް އިންތިހާބެއްގައި އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ މޭޔަރުގެ މަގާމަށް ވާދަކުރައްވާ ނިޒާރުއޭނާގެ ފޭސްބުކްގައި ވިދާޅުވީ، ހިތަދޫގެ އެ މުވައްޒަފު ވަޒީފާ އިން ވަކިކުރި މައްސަލައިގައި ރައީސްއާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބައްލަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވާ ކަމަށް ނިޒާރު ވިދާޅުވިއެވެ.

ވަޒީފާ އިން ވަކިކުރި މުވައްޒަފަކީ ތަކުރާރުކޮށް ރައީސް ސޯލހާއި ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި ފާޑުކިޔަމުންދާ ޒުވާނެކެވެ.

ހިޔާލު ދެއްވާ!

Your email address will not be published.