މިނިސްޓަރު އައިޝާ ވިދާޅުވަނީ ގިނަ ދުވަހު މަސައްކަތް ނިމެނީ ފަތިހު ކަމަށް!

މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން ޢާއިޝަތު ނަހުލާ.

ކޮވިޑް19ގެ ގުޅިގެން، ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން މިނިސްޓްރީގެ މަސައްކަތް ނުފެންނަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ރައްދު ކުރެއްވި ފާޑުކިޔުންތަކަށް މިނިސްޓަރު ޢާއިޝަތު ނަހުލާ ރައްދު ދެއްވައިފިއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ހިދުމަތް ރައްޔިތުންނަށް ނުލިބޭ ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން ކަންބޮޑުވުންފާޅު ކުރީ މިރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގައެވެ.

އޮންލައިންކޮށް ބޭއްވި އެ ކޮމެޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އައިޝާ ވިދާޅުވީ ކޮވިޑާ ގުޅިގެން އޮފީހަށް ނުދެވުނަސް، ގޭގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން 24 ގަޑިއިރު ގޭގައި މަސައްކަތް ކުރަމުންދާ ކަމަށާއި ގިނަ ރޭތަކުގައި ފަތިސްވަންދެން ވެސް މަސައްކަތް ކުރިއަށްދާ ކަމަށެވެ.

"އޮފީހަށް ނާދެވޭތީ ގޭގަ ތިބެގެން އަޅުގަނޑުމެން މަސައްކަތް ކުރަންޖެހެނީ 24 ގަޑިއިރޭ އަޅުގަނޑު ދަންނަވާނީ. ގިނަ ރޭރޭ އަޅުގަނޑުމެންނަށް މަސައްކަތް ކުރެވިފަ ހުންނާނީ 3:00 ޖަހާއިރު، ފަތިހު 4:00 ޖަހާއިރު، ނުވަތަ 5:00 ޖަހާއިރު. އަނެއްކާ ހެނދުނު ހަތެއް ޖަހާއިރު އެ މަސައްކަތަށް،" އައިޝާ ވިދާޅުވިއެވެ.

"ފްލައިޓުތައް އައުމާއި މުދާ އުފުލުމާއި ކާކޯ ފްލައިޓަތކުގެ މަސައްކަތް ހަމަޖެއްސުމާއި މި ހުރިހާ ކަމެއް ވެސް މިއީ އަޅުގަނޑުމެން ކުރަމުން ގެންދާ ކަންތައް. އެކަމުގެ ތެރޭގައި ސިވިލް އޭވިއޭޝަންގެ ޖަލީލު އަދި ސްޓޭޓް މިނިސްޓަރު ޒުހައިރު ވަރަށް ބުރަކޮށް މަސައްކަތް ކުރިކަން އަޅުގަނޑު ފާހަގަކުރަން."

ކޮވިޑް19އާ ގުޅިގެން މަޖިލީހުގެ ގައުމީ ތަރައްގީ ކޮމެޓީން ދަނީ އެކި މިނިސްޓްރީތަކާއި އިދާރާތަކާ ބައްދަލުކޮށް، މަސައްކަތް އޮޅުންފިލުވަމުންނެވެ. މިހާތަނަށް އެ ކޮމެޓީން ވަނީ 6 މިނިސްޓްރީއަކާ ބައްދަލުކޮށްފައެވެ. އެއީ އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީ އާއި ހަޔަރ އެޑިއުކޭޝަނާއި ޕްލޭނިންގ މިނިސްޓްރީ އެޑިއުކޭޝަން މިނިސްޓްރީ އާއި ކޮމިއިނިކޭޝަން، ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ އެވެ. އޭގެ ގައުމީ ޔުނިވާސިޓީ އާއި އިސްލާމިކް ޔުނިވަރސިޓީއާ ވެސް ވަނީ ބައްދަލުކޮށްފައެވެ.

އެ ކޮމެޓީން މާދަމާ ނިންމާފައި ވަނީ ހައުސިން މިނިސްޓްރީއާ ބައްދަލު ކުރުމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *