ނައިފަރުގެ އިހުތިޖާޖު: މިތިބީ ޝިޔާމްގެ ދިފާއުގައި

ޝިޔާމަށް ކުރި އަނިޔާއާ ދެކޮޅަށް ނައިފަރު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަނީ ---

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ގޮތުން ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ބޭރު ކުރަން އެންގުމުން ހިނގާދިޔަ ހަމަނުޖެހުމުގައި ޝިޔާމަށް ލިބުނު އަނިޔާތަކާއި ދެކޮޅަށް ނައިފަރުގެ ރައްޔިތުން ތެދުވެއްޖެއެވެ.

މިއަދު ހަވީރު ޝިޔާމަށާއި އަދި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް ތާއީދު ކުރާ ނައިފަރު ރައްޔިތުން ވަނީ އެރަށު ޕީޕީއެމް ޖަގަހަ ކައިރީގައި އިހުތިޖާޖު ކޮށްފައެވެ. މި އިހުތިޖާޖު ކުރިޔަށް ގެންގޮސްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގާފައިވާ އުސޫލުތަކާއި އެއްގޮތަށް އިޖުތިމާއީ ގައިދުރު ކަމަށް އިސްކަން ދީގެންނެވެ. މީގެއިތުރުން ގިނަ މީހުން ތިބީ ވެސް މާސްކު އަޅައިގެންނެވެ.

އިހުތިޖާޖުގެ ބައިވެރިން ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިސްތިއުފާއަށް ގޮވާލައިފައެވެ. އަދި ނައިފަރު ރައްޔިތުންގެ މެންބަރެއްގެ ގޮތުގައި ހުންނެވި ޝިޔާމް ކުރައްވާ މަސައްކަތަށް ސާބަސް ދަންނަވާފައިވާއިރު ސަޕޯޓަރުން ވަނީ އެމީހުން ތިބީ ޝިޔާމާއިއެކުގައި ކަމަށް ބުނެފައެވެ.

"މެންބަރު ޝިޔާމަށް ރަހުމެއް ނެތި އަނިޔާކުރި ހާއިނުންނާއި ގައްދާރުންނާއި ދާދި އަވަހަށް ގާނޫނު އަރާ ހަމަކުރާނެ،" ސަޕޯޓަރަކު ހިފަހައްޓާފައިވާ ބޯޑެއްގައިވެއެވެ.

ޝިޔާމަށް ކުރި އަނިޔާއާ ދެކޮޅަށް ނައިފަރު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަނީ ---

ރައްޔިތުން މަޖިލީހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30ގައި ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ޝިޔާމަށް ކުރި އަނިޔާއާ ދެކޮޅަށް ނައިފަރު ރައްޔިތުން ނިކުމެ އިހުތިޖާޖު ކުރަނީ ---

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގައި މެންބަރު އީސަގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަށްވެސް އަނިޔާތަކެއްވިއެވެ.

މަޖިލީހުގެ އެރޭގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޝިޔާމުގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އަންނަނީ މައްސަލަވެސް ބަލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *