ޗައިނާ އިން ފެނުނު ވައިރަސް އެތަކެއް ސަތޭކަ މީހުނަށް ޖެހިފައިވާކަމަށް ބެލެވޭ

މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވުހާން ސިޓީއިން ފެނުނު ވައިރަސް ޖެހިގެން މިހާތަނަށް ވަނީ 2 މީހުން މަރުވެފައި- ފޮޓޯ: އޭއެފްޕީ

ބެއިޖިންގް (ޖެނުއަރީ 19) - ޗައިނާ އިން ދާދި ފަހުން ފެނުނު އާ ވައިރަސް، ކުރިން ލަފާކުރެވުނުވަރަށްވުރެ ގިނަ ބަޔަކަށް ޖެހިފައިވާކަމަށް ބެލެވޭކަމަށް ސިއްހީ މާހިރުން ބުނެފި އެވެ.

ނުރައްކާތެރި "ސާސް" ވައިރަސް އާ އެއްގޮތް ސިފަތަކެއް ހުންނަ ވުހާން ސިޓީން ފެނުނު ވައިރަސް މިހާތަނަށް 45 މީހަކަށް ޖެހިފައިވާކަމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.

ނަމަވެސް، އެ އަދަދު 1،000 އަށް ވުރެ ގިނަ ވެދާނެކަމަށް ބެލެވޭކަމަށް އިނގިރޭސިވިލާތުގެ ސިއްހީ ޖަމިއްޔާއަކުން ވަނީ ބުނެފަ އެވެ.

މިދިޔަ ޑިސެމްބަރު މަހު ވުހާން ސިޓީން ފެނުނު ވައިރަސް ޖެހިގެން މިހާތަނަށް ވަނީ ދެ މީހުން މަރުވެފަ އެވެ. ވުހާން އިން ވައިރަސް ފެނުނު ނަމަވެސް ތައިލެންޑާއި ޖަޕާނުން ވަނީ އެ ވައިރަސް ޖެހިފައިވާ ދެ މީހަކު ފެނިފަ އެވެ.

އެކަމާ ގުޅިގެން ވުހާން އިން އަންނަ ޕަސިންޖަރުން ސްކްރީން ކުރަން ސިންގަޕޫރާއި ހޮން ކޮންގެ އެއާޕޯޓްތަކުގައި ވަނީ ފަށައިފަ އެވެ. އެމެރިކާގެ ސެން ފްރެންސިސްކޯ، ލޮސް އެންޖަލިސް އަދި ނިއު ޔޯކުގެ އެއާޕޯޓްތަކުގައި ވެސް ވަނީ އިއްޔެ އިން ފެށިގެން ސްކްރީން ކުރަން ފަށައިފަ އެވެ.

ޗައިނާގެ މެދުތެރޭގެ ހިސާބުތަކުގައި ފެތުރެމުންދާ ވައިރަލް ހުމަކީ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް (ސާސް) ނޫން ކަމަށް އެ ގައުމުގެ ސިއްހީ އޮފިޝަލުން ވަނީ ބުނެފަ އެވެ.

ވުހާން މުނިސިޕަލް ހެލްތު ކޮމިޝަނުން ބުނީ އެ ސިޓީގައި ފެތުރެމުން ދަނީ ކޮން ބާވަތެއްގެ ރޯގާއެއްތޯ ބަލަން ތަހުލީލުތައް ކުރަމުންދާ ކަމަށެވެ. ކޮމިޝަނުން ކުރިން ބުނެފައި ވަނީ އެ ބަލި އިންސާނުން ގައިންގަޔަން ނުޖެހޭ ކަމަށެވެ. އަދި ބަލި ޖެހިފައި ވަނީ ސިޓީގެ ސީފުޑް މާކެޓުގައި މަސައްކަތް ކުރި މީހުންނަށް ކަމަށް ވެސް ބުނެފައިވެ އެވެ.

ސާސް ރޯގާ 2002 ވަނަ އަހަރު ފެތުރެން ފުރަތަަމަ ފެށީ ދެކުނު ޗައިނާގަ އެވެ. އެ ރޯގާގައި އެ ފަހަރު ވަނީ މުޅި ދުނިޔޭން 700 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ.

Leave a Reply

Your email address will not be published. Required fields are marked *