ޝިޔާމެއް ނުޖަހާ، ކޮއްޕާލީމަ އަޅުގަނޑު ވެއްޓުނީ: އީސަ

އީސަގެ ކަށިމަތި މަށައިގެން ގޮސްފައި --

ގާނޫނުއަސާސީ އިސްލާހު ކުރުމުގެ ގޮތުން ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން އިއްވާ މަޖިލިސް ތަޅުމުން ބޭރު ކުރަން އެންގުމުން ހިނގާދިޔަ ހަމަނުޖެހުމުގައި އަނިޔާވި ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސައަށް އަނިޔާވި ގޮތް އޭނާ ހާމަ ކުރައްވައިފިއެވެ.

ރައްޔިތުން މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގެ މިއަދު ބައްދަލުވުމުގައި މެންބަރަކު ވަނީ އީސަގެ ކަށިމަތީގައި މެންބަރު ޝިޔާމް ޖެއްސެވީތޯ ސުވާލު ކުރައްވާފައެވެ. ޖަވާބުގައި އީސަ ވިދާޅުވީ ޝިޔާމް އޭނާގެ ކަށިމަތީގައި ނުޖަހާ ކަމަށެވެ.

"ޝިޔާމް އެއް ނުއެއް ޖަހާ އަޅުގަނޑު ގަޔަކުއެއް، ޝިޔާމް ކޮއްޕާލި ގަޑީގައި ވެއްޓުން ބޮނޑީގައި ކަށިމަތި ޖެހުނީ ތަނެއްގައި،" އީސަ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުން މިދިޔަ ހޯމަ ދުވަހުގެ ރޭ ދަންވަރު 1:30ގައި ބޭއްވި ޖަލްސާގައި ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ. އަދި އެ ހަމަނުޖެހުމުގައި މެންބަރު އީސަގެ އިތުރުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އަށްވެސް އަނިޔާތަކެއްވިއެވެ.

މަޖިލީހުގެ އެރޭގެ ޖަލްސާގައި ހިނގާދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން ޝިޔާމުގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށް ޕީޕީއެމްއިން ވަނީ ބުނެފައެވެ.

އެ ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުން އަންނަނީ މައްސަލަވެސް ބަލަމުންނެވެ.

1 thought on “ޝިޔާމެއް ނުޖަހާ، ކޮއްޕާލީމަ އަޅުގަނޑު ވެއްޓުނީ: އީސަ

  1. މިކަލޭގެ ހަމަނުޖެހުން ހިންގަން އުޅެނިކޮށް ވެއްޓުނީ، އަބަދު ބޮއެގެން ހުންނަ މީހެއް ތީ

Leave a Reply

Your email address will not be published. Required fields are marked *