ސީއެސްސީގެ މެންބަރުކަމުން އާމިރާ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށައިފި

ސިވިލް ސާވިސް ކޮމިޝަންގެ މެންބަރުކަމަށް އާމިރާ އައްޔަން ކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރު ކަމަށް މިދިޔަ ޑިސެމްބަރު މަހު އައްޔަން ކުރެއްވި ފާތިމަތު އާމިރާ އެ މަގާމުން ވަކި ކުރުމުގެ މަސައްކަތް ފެށުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

އާމިރާ އެ މަގާމަށް އައްޔަން ކުރެއްވީ މަޖިލީހުގެ 71 މެންބަރުން އެމަގާމަށް އާމިރާ އައްޔަން ކުރައްވަން ފެނިވަޑައިގަންނަވާ ކަމަށް ނިންމުމުން މިދިޔަ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. އެ މަގާމަށަ 13 ބޭފުޅަކު ކުރިމަތިލެއްވިއިރު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން އިންޓަވިއު ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ ގިނައިން މާކުސް ވެސް ލިބިވަޑައިގަތީ އާމިރާ އަށެވެ.

ސީއެސްސީގެ މެންބަރުކަމުން އާމިރާ ވަކި ކުރެއްވުމުގެ މަސައްކަތް ފެށުމަށް މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ ޝަފީގެވެ. އޭނާގެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ބާރަށު ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲއެވެ. ޝަފީގުގެ އެ ހުށަހެޅުއްވުން ފާސްވީ ފަސް ހަ މެންބަރުންގެ ވޯޓުންނެވެ. އެ ހުށަހެޅުއްވުމާއި ދެކޮޅަށް ފަސް މެންބަރަކު ވޯޓު ދެއްވިއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ވެސް މެންބަރުން ވަނީ ސީއެސްސީގެ މެންބަރުންގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ ފަރާތުން އެދެވިގެންވާ މަސައްކަތްތަކެއް ކުރައްވާތަން ނުފެންނަ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ބައެއް ކޮމިޝަންތަކުގެ މެންބަރުން މަގާމުން މިހާރުން މިހާރަށް ވަކި ކުރުމަށް ގިނަ މެންބަރުން ވަނީ ގޮވާލައިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *