މެމްބަރު ހުސެއިން ގައިގައި އީވާ ޖެހި ކަމަށް ބުނެ މައްސަލަ ބަލައި ދިނުމަށް ގޮވާލައިފި

އީވާ މެންބަރު ހުސައިން ގައިގައި ޖެހުމަށް ފައި ނަގާފައި (ރަތް ކުލައިގެ ބޮޅުން ފާހަގަކުރެވިފައި) ---

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެން މުހައްމަދު ލަތީފުގެ ގައިގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ފައިންޖެހި ކަމަށް ބުނާ މައްސަލަ ބަލައި ދިނުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ގާނޫނުއަސާސީ އިސްލާހު ކުރުމަށް ބޭއްވި މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސްގެ އެންގެވުމަށް އެމްޑީޕީގެ މެމްބަރުން ހިންގި ހަމަނުޖެހުމުގައި މަޖިލީހުގެ ނައިބު ރައީސް އީވާ، މެމްބަރު ހުސެއިންގެ ގައިކޮޅުގައި ފައިކުރުކޮށް ކޮޅުފައިން ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނީ، މަޖިލީހުގެ ނައިބް ރައީސްގެ މަގާމަކީ ދައުލަތުގެ އިސް އަދި އެހާމެ ޒިންމާދާރު މަގާމަކަށްވާ އިރު، އެމަގާމުގައި ހުންނަވާ ބޭފުޅަކު އެފަދަ ކަމެއް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން އިދިކޮޅުން ސިފަކޮށްފައި ވަނީ، ނުރައްކާތެރި ހަޑިމުޑުދާރު އަމަލެއްގެ ގޮތުގައެވެ.

އިދިކޮޅުން ބުނީ މި ނުރައްކާތެރި، ހަޑިމުޑުދާރު، ނާތަހުޒީބު އަމަލު ބައްލަވާ ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އަށް ގޮވާލާ ކަމަށެވެ.

އެ ޖަލްސާގައި އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމްގެ ނަން މަޖިލީހުގެ ރިޔާސަތުން އިއްވުމާއިއެކު ހަމަނުޖެހުމެއް ވަނީ ހިންގާފައެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް ވަނީ އަނިޔާތަކެއް ވެސް ލިބިފައެވެ. ޝިޔާމް އަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ޕީޕީއެމް އިން ބުނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ.

ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *