ޔަމަނުގައި ބަދަލުކުރަމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ޝާހިދު ގޮވާލައްވައިފި

މިނިސްޓަރު ޝާހިދު ---

ޔަމަނުގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ޔަމަނުގައި ދިމާވެފައިވާ ހިއުމެނިޓޭރިއަން ކްރައިސިސް އިން އަރައިގަތުމަށް ބޭނުންވާ އެހީ ހޯދުމާ ބެހޭ މަތީ ފަންތީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މިނިސްޓަރު ޝާހިދު ވަނީ ޔަމަނުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ބަނޑުހައިހޫނުކަމާއި، ގެދޮރުގެއްލުން އާއްމު ކަމަކަށްވެފައިވާކަން ފާހަގަކުރައްވައި، ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ހުރިހާ ފަރާތްތަކަށް ގޮވާލައްވާފައެވެ.
އަސާސީ ޚިދުމަތްތަކާ ކާބޯތަކެތިން މަހުރޫމުވެ، ބޭރުގެ އެހީއަށް ބޭނުންވާ 24 މިލިއަން މީހުން މިވަގުތު ޔަމަނުގައި އެބަތިއްބެވެ. މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ޔަމަނުގައި ސުލްހަ ޤާއިމްކުރުމާ މެދުއިރުމަތީގެ ހަމަޖެހުމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަން ގާއިމްކުރުމަކީ ގުޅިފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.
ކޮވިޑް19 ގެ ސަބަބުން ޔަމަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި މިނިސްޓަރ ޝާހިދު ވިދާޅުވީ ޔަމަނުގައި ބައިނަލްއަޤްވާމީ އިންސާނީ އެހީއަށް ބޭނުންޖެހިފައިވާ ފަރާތްތަކަށް ކޮންމެފަދަ ޙާލަތެއްގައި އެ އެހީ ހުއްޓުމެއް ނެތި ފޯރުކޮށްދެވޭނެ އިންތިޒާމްތައް ހަމަޖެހެން ޖެހޭ ކަމަށެވެ.
އަދި ޔަމަނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމައު ގުޅިގެން ޚާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރަން ޖެހޭ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ. ޔަމަނުގެ ޙާލަތު ބަޔާންކޮށް، އެގައުމަށް ބައިނަލްއަގްވާމީ އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން ބޭއްވި މި ބައްދަލުވުމުގައި އދގެ މެމްބަރު ގިނަ ގައުމުތަކަކުން ވަނީ ޔަމަނަށް އެހީތެރިކަން ދިނުމަށް ވައުދު ވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *