އެލްޖީއޭ ބޯޑަށް އާ މެމްބަރުން އައްޔަން ކުރަންޖެހޭ ބިލު ތަސްދީގުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)ގައި މިހާރު ތިއްބެވި މެމްބަރުން ވަކިކޮށް، އާ މެމްބަރުން އައްޔަން ކުރަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި އިދާރީ ދާޢިރާތައް ލާމަރުކަޒީ އުސޫލުން ހިންގުން ކަށަވަރު ކުރުމުގެ ޚާއްސަ ބިލު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ރައީސް މިއަދު ތަސްދީގު ކުރެއްވި ޤާނޫނަކީ ޤާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހާ ގުޅިގެން އިންތިޤާލީ މުއްދަތުގައި މަޤާމުގައި ދެމިތިބޭ ކައުންސިލަރުން ޢަމަލުކުރާނެ އިންތިޤާލީ ޢުޞޫލްތައް ބަޔާންކުރާ ޤާނޫނެކެވެ. އެގޮތުން މި ޤާނޫނުގައި ބުނެފައި ވަނީ ކައުންސިލް އިންތިހާބު ބާއްވައި އަލަށް އިންތިހާބު ކުރެވޭ މެމްބަރުން މަގާމާ ހަވާލުވަންދެން މިހާރު ތިއްބެވި ކައުންސިލަރުން އަމަލު ކުރާނެ ގޮތާއި މަސްއޫލިއްޔަތުތަކެވެ.

ރައީސް ސޯލިހު މިއަދު ތަސްދީގު ކުރެއްވި ޤާނޫނަކީ އާ ކައުންސިލަރުން މަގާމާ ހަވާލުވުމުން އުވިގެންދާގޮތަށް ހަދާފައިވާ ގާނޫނެކެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުން އެ ޤާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެލްޖީއޭ ބޯޑަށް ރައީސް ސޯލިހު މެމްބަރުން އައްޔަން ކުރަންވާނެއެވެ. ބޯޑަށް މެމްބަރުން އައްޔަން ކުރުމާ އެމު، މިހާރު ތިއްބެވި މެމްބަރުން މަގާމުން ވަކިވީ ކަމަށް ޤާނޫނުގައި ބުނެފައިވެއެވެ.

އެލްޖީއޭ ބޯޑުގައި މިހާރު ހިމެނިވަޑައިގަންނަވަނި އެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ހަތަރު މެމްބަރުންނެވެ.

އެލްޖީއޭގެ ސީއީއޯ މުހައްމަދު ޝަފީގު މަހްމޫދާއި ޖެންޑަރ އިކުއަލިޓީގެ ދާއިރާއިން މަޖިލީހުން އައްޔަން ކުރައްވާފައިވާ މިންނާ ރަޝީދާި ގަވަނަންސްގެ ދާއިރާއިން އާމިރު އަލީ އާއި މަދަނީ ޖަމިއްޔާތަކުގެ ފަރާތުން އަހުމަދު އަސަނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.