ރޭ މަޖިލީހުގައި ހިނގާދިޔަ ކަންކަން ފުލުހުން ބަލަން ފަށައިފި

ރޭ މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގެ ތެރެއިން ---

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށުމާއެކު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރެން އުޅުމުން ހިނގާދިޔަ ހަމަނުޖެހުމުގެ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން އެކަމާއި ގުޅިގެން ބަލަންޖެހޭ ބެލުންތައް ބަލަމުން އަންނަ ކަމަށްވެސް ފުލުހުން ބުންޏެވެ. ފުލުހުން ބުނީ ރޭގެ މަޖިލިސް ޖަލްސާގައި ހިނގި ހަމަނުޖެހުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ މިންގަނޑުތަކާއި ހިލާފަށް ހިނގާފައިވާ ކަންކަމާއި ގުޅިގެން އެ އެޖެންސީގެ ބަހެއް ހޯދުން ރަނގަޅުވާނެ ކަމަށެވެ.

ރޭ މަޖިލިސް ތެރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި ޝިޔާމަށް ވަނީ އަނިޔާތަކެއް ވެސް ލިބިފައެވެ.

ޝިޔާމް އަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ޕީޕީއެމް އިން ބުނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި ރޭ ޑޮކްޓަރަށް ދެއްކުމަށްފަހު އިތުރަށް ރިއްސާތީ މިއަދުވެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަތަރު ހަފްތާ އަށް ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރި ހާލަތުގައި ގައިދުރުކަން އިސްކުރުމަށް އަންގާފައި ވަނިކޮށް، މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.