ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު --

މިހާރު ތިބި ކައުންސިލަރުންގެ ދައުރު ދަންމާލުމަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ބިލެއްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެއް) ހުށަހަޅުއްވާފައިވާ އެ އިސްލާހު ފާސްކުރީ ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ. 74 މެންބަރުންގެ ވޯޓުން ފާސްކުރި މި އިސްލާހު ފާސްވެއްޖެ ކަމަށް ކަނޑައެޅިއިރު ރޭ ގަޑިން ވަނީ މެންދަމު 2:45 ވެފައެވެ.

ގާނޫނުއަސާސީ އަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރީ މުޅި މަޖިލީހުގެ ކޮމެޓީއަކުންނެވެ. އެ ކޮމެޓީ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭގައެވެ.

ކޮމެޓީން މި އިސްލާހު ފާސްކުރިއިރު ދެ އިސްލާހެއް ބިލެއް ވަނީ ހުށަހަޅާފައެވެ. މި ދެ އިސްލާހު ވެސް ހުށަހެޅީ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްއެވެ. އޭގެތެރެއިން އެއް އިސްލާހުގައި ބުނެފައި މި މަހުގެ ތިންވަނަ ދުވަހު ދައުރު ހަމަވާ ކައުންސިލަރުންގެ ދައުރު ދަންމާލާ އަންނަ އަހަރު އާ ކައުންސިލެއް އިންތިހާބު ކުރުމާއި ޖެހެންދެން މިހާރު ތިބި ކައުންސިލަރުން މަގާމުގައި ދެމި ތިބޭނެ ކަމަށާއި ނަމަވެސް އެ ކައުންސިލަރުން މަގާމުގައި ތިބޭއިރު އަމަލުކުރާނެ އިންތިގާލީ ކަންތައްތަކެއް މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަނޑައަޅަން ވާނެ ކަމަށެވެ.

މި ބިލަށް ސުޕްރީމް ކޯޓުގެ އިޝްތިޝާރީ ލަފައެއްވެސް ވަނީ ހޯދާފައެވެ. އެ ކޯޓުގެ އިޝްތިޝާރީ ލަފައެއް ހޯދާފައި ވަނީ މި ބިލާއި ގުޅިގެން ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތައް އުފެދުމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.