ރޭ މަޖިލީހުގައި އޮޕަރޭޓު ކުރީ ކަންމަތީ ބޮޑު ގޭންގެއް: މެންބަރު ހުސައިން

ފަރެސް މާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފު: ފޮޓޯ / މަޖިލިސް

ރައްޔިތުންގެ މަޖިލީހުގައި ރޭ އޮޕަރޭޓު ކުރީ ކަންމަތީ ބޮޑު ގޭންގެއް ކަމަށް ވިދާޅުވެ މަޖިލީހުގެ ރޭގެ ޖަލްސާގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ކަންބޮޑުވުންފާޅު ކުރައްވައިފިއެވެ.

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށުމާއެކު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރެން އުޅުމުން ވަނީ ހަމަނުޖެހުމެއް ހިނގާފައެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ރޭ މަޖިލީހުގައި ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން 18ވަނަ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވި މިހާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފު ވަނީ ޓްވީޓާގައި 18ވަނަ މަޖިލީހުގައި މެންބަރުން މަޖިލީހަށް ވަން ދުވަހެއްގައި ސިފައިން އެ މެންބަރުން މަޖިލިސް އިދާރާއިން ބޭރަށް ނެރުނު ދުވަހުގެ ވީޑިއޯއެއް އާއްމު ކުރައްވާ "މިވެސް ދުވަހެއް" ކަމަށް ވިދާޅުވެފައެވެ.

އެކަމަށް ރައްދު ދެއްވާ ހުސައިން މުހައްމަދު ލަތީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭރު މެންބަރުން މަޖިލީހުގެ އިދާރާއިން ބޭރަށް ނެރުނީ މަޖިލީހުގެ މެންބަރުން ނޫން ކަމަށެވެ. ނަމަވެސް ރޭ މަޖިލިސް ތެރޭގައި އޮޕަރޭޓު ކުރީ ކަންމަތީ ގޭންގެއް ކަމަށް ހުސައިން ވިދާޅުވިއެވެ. އަދި ރޭ މަޖިލީހުގެ ރައީސް ކުރެއްވި ކަންކަން މަހްލޫފަށް "އޯކޭ" ވީތޯ މެންބަރު ހުސައިން ވަނީ ސުވާލު އުފައްދަވާފައެވެ.

ރޭ ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝިޔާމްގެ ނަން އިއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ނިޒާމާ ބެހޭ މައްސަލައެއް ޝިޔާމް ނެންގެވުމުން އެ މައްސަލައަށް ފުރުސަތު ދެއްވުމެއް ނެތި މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުން ވަގުތުން ނަން އިއްވެވި ކަމަށެވެ.

ރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރި ހާލަތުގައި ގައިދުރުކަން އިސްކުރުމަށް އަންގާފައި ވަނިކޮށް، މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *