ޝިޔާމްގެ މޭކަށިގަނޑާއި މައިބަދާގައި ވަނީ ރެނދުލާފައި: ޕީޕީއެމް

ޝިޔާމް އަށް ރޭ ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަނީ ---

ޤާނޫނުއަސާސީ އިސްލާހު ކުރުމަށް ދަންވަރު ބޭއްވި ރައްޔިތުންގެ މަޖިލިސް ޖަލްސާ ފެށުމާއެކު، ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމްގެ ނަން އިއްވައި، މަޖިލީހުގެ ޖަލްސާއިން ނެރެން އުޅުމުން ހިނގާދިޔަ ހަމަނުޖެހުމުގައި އޭނާގެ މޭކަށިގަނޑާއި މައިބަދާގައި ރެނދުލާފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް އިން ބުނެފިއެވެ.

ޝިޔާމްގެ ނަން އިއްވައި، މަޖިލިހުގެ ޖަލްސާއިން ނުކުތުމަށް ރިޔާސަތުން އެންގެވީ ނިޒާމީ މައްސަލައެއް އޭނާ ފާހަގަ ކުރެއްވުމުންނެވެ. ނިޒާމީ މައްސަލާގައި ޝިޔާމް ވާހަކަފުޅު ދެއްކެވުމަށް ފުރުސަތު ނުދެއްވައި ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވީ މަޖިލީހުން ނުކުންނެވުމަށެވެ. އަދި ތިން ފަހަރެއްގެ މަތިން ޝިޔާމްގެ ނަން ވިދާޅުވެ، މަޖިލީހުގެ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް އެންގެވުމަށްފަހު، އޭނާ މަޖިލީހުގެ ތަޅުމުން ނެރުމަށް ސާޖަންޓް އެޓް އާމްސްއަށް ރިޔާސަތުން އެންގެވިއެވެ.

ޝިޔާމް އަށް ލިބިވަޑައިގެންނެވި އަނިޔާތަކާއި ގުޅިގެން ޕީޕީއެމް އިން ބުނީ ޝިޔާމްގެ އުނަގަނޑާއި މޭކަށިގަނޑުގައި ރެނދުލާފައި ހުރި ކަމަށް ޑޮކްޓަރުން އަންގާފައިވާ ކަމަށެވެ. އަދި ރޭ ޑޮކްޓަރަށް ދެއްކުމަށްފަހު އިތުރަށް ރިއްސާތީ މިއަދުވެސް ޑޮކްޓަރަށް ދައްކާފައިވާ ކަމަށާއި ހަތަރު ހަފްތާ އަށް ބެޑް ރެސްޓު ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާ ކަމަށް ޕީޕީއެމްއިން ބުންޏެވެ.

ރޭ ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޝިޔާމްގެ ނަން އިއްވީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. އެގޮތުން ނިޒާމާ ބެހޭ މައްސަލައެއް ޝިޔާމް ނެންގެވުމުން އެ މައްސަލައަށް ފުރުސަތު ދެއްވުމެއް ނެތި މަޖިލީހުގެ ގަވާއިދާއި ހިލާފަށް މަޖިލީހުގެ ރިޔާސަތުން ވަގުތުން ނަން އިއްވެވި ކަމަށެވެ.

ޝިޔާމް ހަށިގަނޑަށް ލިބުނު އަނިޔާތަކުގެ ސަބަބުން ނޫފަށް ގަނެފައި ---

ރޭ ދަންވަރު ހިނގި ހަމަނުޖެހުމުގައި ޝިޔާމް ތަޅުމުން ބޭރު ކުރީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުންނެވެ. މެމްބަރުން ތަޅުމުން ނެރުމުގެ ކަންކަން މީގެ ކުރިން ކުރައްވާފައި ވަނީ ސަރޖެންޓް އެޓް އާރމްސް މުހައްމަދު ހަލީމެވެ. ޝިޔާމްގެ ނަން އެންމެ ފުރަތަމަ އިއްވެވުމާ އެކު ސަރޖެންޓް އެޓް އާރމްސް ވަނީ އޭނާ ތަޅުން ދޫކުރެއްވުމަށް ނަސޭހަތްތެރިވެފައެވެ.

ނަމަވެސް އެކަމާ ޝިޔާމް ދެކޮޅު ހެއްދެވުމުން، ބައެއް މެމްބަރުން ވަނީ އޭނާގެ ގަޔަަށް އަތްލައި، ހަމަނުޖެހުން ހިންގާފައެވެ.

އޭނާ މަޖިލީހުން ބޭރު ކުރުމަށް ނަން އިއްވި ގޮތާ ގުޅޭ ގޮތުން، ބައެއް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ ޝިޔާމްގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ސަބަބަކީ ނަސޭހަތް ދިނުމެއް ނެތި ކުއްލިއަކަށް މަޖިލީހުގެ ތަޅުމުން ނުކުތުމަށް ރިޔާސަތުން އެންގެވުމުންނެވެ. އެކަމާ ގުޅިގެން މަޖިލީހުގެ ތަޅުމުގައި ޝިޔާމް އިހްތިޖާޖު ކުރެއްވިއެވެ.

ކޮވިޑް19ގެ ނުރައްކާތެރި ހާލަތުގައި ގައިދުރުކަން އިސްކުރުމަށް އަންގާފައި ވަނިކޮށް، މަޖިލީހުގައި ހިނގައިދިޔަ ކަންތައްތަކާ ގުޅިގެން، ބައެއް މީހުން ސޯޝަލް މީޑިއާގައި ގެންދަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ.

ހިޔާލު ދެއްވާ!

Your email address will not be published.