ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ ނުފޫޒެއް އޮވެގެން ނޫން: މުހުތާޒު

ކުރީގެ ޕްރޮސިކިއުޓަރު ޖެނެރަލް މުހުތާޒު މުހުސިން --

ރައްޔިތުން މަޖިލީހުގެ މިހާރުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރުމާއި ގުޅިގެން ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލީ އެއްވެސް މީހެއްގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް އޭރުގެ ޕްރޮސިކިއުޓަރު ޖެނެރަލްގެ މަގާމުގައި ހުންނެވި މުހުތާޒު މުހުސިން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މުހުތާޒު ވިދާޅުވީ ރައީސް ނަޝީދަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ މިނިވަންކަން މަތީގައި ކަމަށެވެ. އަދި އެ ދައުވާ ނަޝީދަށް އުފުލުމަށް އޭރުގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވެސް އަދި އެހެން އެއްވެސް ބޭފުޅެއްގެ ފަރާތްޕުޅުންވެސް ނުފޫޒެއް ފޯރާފައި ނުވާ ކަމަށް މުހުތާޒު ވިދާޅުވިއެވެ.

ނަޝީދުގެ މައްޗަށް އެންމެ ފުރަތަމަ ދައުވާ ކުރީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ވެރިކަމުގައެވެ. އޭރު އެ ދައުވާ އުފުލީ ކުރީގެ ގާނޫނުލްއުގޫބާތުގެ ދަށުންނެވެ. ނަމަވެސް ފަހުން ރައީސް ޔާމީންގެ ވެރިކަމުގައި ކުރިން ކުރި ދައުވާ އަނބުރާ ގެންދިޔައެވެ. މުހުތާޒު ވިދާޅުވީ ރައީސް ނަޝީދަށް ކުރިން ކުރެއްވި ދައުވާ އަނބުރާ ގެންދެވީ ހަތް ޕްރޮސިކިއުޓަރުންގެ މައްޗަށް އެކުލެވޭ ޓީމަކުން ކަމަށެވެ.

"އަޅުގަނޑު އެބޭފުޅުންގެ އެއްވެސް ޑިސިޝަނަކަށް ދެކޮޅު ހަދާފަކައެއް ނޯންނާނެ. އެބޭފުޅުން މިނިވަންކަމާއި އެކު ނިންމާފައި އޮތް ނިންމުމެއް އެއީ. ދެން އޭގައި ދައުވާ ބަދަލުކުރުމާއި ގުޅޭގޮތުން އެއަށް އެއްޗެއް ދަންނަވާ ކަމަށްވާނަމަ އަޅުގަނޑަށް ހީވަނީ ޕީޖީ އޮފީހުގެ ޑިސިޝަނެއް އެއީ," މުހުތާޒު ވިދާޅުވިއެވެ.

ނަޝީދުގެ މައްޗަށް ކުރި އެ ދައުވާ ސާބިތުވެ ކްރިމިނަލް ކޯޓުން ވަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އިއްވާފައެވެ. ނަމަވެސް ބޭސްފަރުވާ އަށް ކަމަށް ވިދާޅުވެ ހުކުމްގެ ވަކި ހިސާބަކުން ނަޝީދު ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފައެވެ. ނަމަވެސް ބޭސްފަރުވާ ފުރިހަމަ ކުރައްވާ ނަޝީދު އެނބުރު ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ. އެމަނިކުފާނު އެނބުރި ވަޑައިގެންނެވީ ރައީސް ޔާމީންގެ ވެރިކަން ބަދަލުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހުވާ ކުރައްވަން ގާތް ވެފައި ވަނިކޮށެވެ.

Leave a Reply

Your email address will not be published. Required fields are marked *